14 Jun 2015, 21:29
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތައާރަފްކޮށްފައިވާ އޮންލައިންކޮށް ހިދުމަތްދޭ ނިޒާމް "މީރާ ކަނެކްޓް" ޕުރޮމޯޓް ކުރުމަށް ރޯޑްޝޯއެއް ބާއްވައިފިއެވެ.
އިއްޔެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އެރޯޑްޝޯ ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައެވެ.
މީރާއިން ބުނީ އެރޯޑްޝޯ ބޭއްވީ މީރާއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ވަސީލަތްތަކާބެހޭ ގޮތުންނާއި މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށައެޅުމާއި ފައިސާ ދައްކަންޖެހޭ ސުންގަޑި ކައިރިވަމުންދާތީ އެކަމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރި ކުރުމަށް ކަމަށެވެ.
" ރޯޑްޝޯގައި މީރާ ކަނެކްޓްގެ ހިދުމަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތްތަކުގެ މައުލޫމާތު ފޯރުވައިދީފައިވާނެ. އެ ގޮތުން ކާޑު މެދުވެރިކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން ވާރު ކާޑަށް އެދޭ ފޯމް ވަގުތުން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސިއިދިން." މީރާއިން ބުންޏެވެ.
އެރޯޑްޝޯގައި ވަނީ ބީޕީޓީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ދިނުމާއި، ބީޕީޓީ ބަޔާން ފުރިހަމަކުރުމަށް އެހީތެރިވުމަށް އިންފޮމޭޝަން ޑެސްކްތައް ބަހައްޓާފައެވެ. ހަމައެއާއެކު ޓެކްސްއާއި ގުޅުންހުރި މައުލޫމާތު ތައް ވަނީ ކުޑަކުދިންނަށާއި އާންމުންނަށް ފޯރުކޮށްދީފައެވެ. ކުރިއަށް އޮތްތަނުގައިވެސް އެފަދަ ޝޯތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިކަމަށް މީރާއިން ބުންޏެވެ.