ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީއަށް އެމްއެންޑީއެފް އިން ދެމުން އައި ސެކިއުރިޓީ ހުއްޓާލާފައިވާކަމަށް ބުނެ ރައީސް ނަޝީދުގެ އޮފީހުން އެކަން ކުއްވެރިކޮށްފިއެވެ.

ރައީސް ނަޝީދު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އަނބިކަނބަލުންނަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، މީގެ ދެ ދުވަސް ކުރިން އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ލައިލާ ނިންމެވުމުން އެމްއެންޑީއެފްގެ ސެކިއުރިޓީ އެކަމަނާއަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އޮފީހުން ބުނީ ސެކިއުރިޓީ ދިނުން ހުއްޓާލި ސަބަބެއް ލައިލާ އަށް އަންގާފައިނުވާ ކަމަށެވެ.

"މީގެ ކުރިންވެސް އެކިއެކި ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ލައިލާ އަލީ ބައިވެރިވެވަޑައިގެންފައިވާއިރު ސެކިއުރިޓީގެ ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރަން. އެހެންކަމުން، ސިފައިންގެ މުއައްސަސާއިން ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާމެދު ހުކުރުދުވަހުގެ ރޭ އަމަލު ކުރައްވާފައިއެވަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށްކަމަށްވާތީ އެކަން މިއޮފީހުން ހަރުއަޑުން ކުށްވެރި ކުރަން،" އެބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދު ފިޔަވައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އެހެން ބޭބޭފުޅުންގެ އަނބިއަނބިކަނބަލުން އެކިއެކި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު އެބޭބޭފުޅުންނަށް ދައުލަތުން ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިކަމާ ގުޅިގެން އެމްއެމްޑީއެފްގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފައެވެ.