15 Jun 2015, 16:45
އިޓަލީ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އޭސީ މިލާންގެ އާ ކޯޗެއްގެ ގޮތުގައި ދެން ފެނިގެންދާނީ، ސަމްޕްޑޯރިއާގެ ކުރީގެ ކޯޗު ސިނިސާ މިހައިލޮވިޗް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް އޭނާ ބުނެފި އެވެ.
އިޓަލީގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ސްޕޯޓްމީޑިއާސެޓަށް މައުލޫމާތުދެމުން މިހައިލޮވިޗް ބުނީ، "ހުރިހާ ކަމެއްވެސް ދަނީ ރަނަގަޅަށް. ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި 'ރޮސޮނޭރީ'ގެ އާ ކޯޗަކަށް ހުންނާނީ އަހަރެން،" ކަމަށެވެ.
މިލާންގެ ކުރީގެ ފޯވާޑް ފިލިޕޯ އިންޒާގީގެ އިރުޝާދުގެ ދަށުން މިލާން މިދިޔަ ސީޒަން ނިންމާލިއިރު، އެ ކްލަބް އޮތީ ލީގު ޓޭބަލްގައި ވާދަވެރި އިންޓަމިލާނަށްވުރެ ދެ ދަރަޖަ ފަހަތުން ތާވަލުގެ 10 ވަނައިގައެވެ. އެހެންކަމުން މިލާނަށް އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުވެސް އަދި ޔޫރޮޕާ ލީގުންވެސް ޖާގައެއް ނުލިބޭނެއެވެ.
މިހައިލޮވިޗް މިލާންގެ ކޯޗުކަމަށް އަންނަ ވާހަކަ ފެތުރިފައި މިވަނީ، މިލާންގެ ކުރީގެ ކޯޗު އަދި އިންޒާގީގެ ކުރީގެ ޓީމް-މޭޓް ކްލެރެންސް ސީޑޯފްއަށް އެ ކްލަބް ކޮޅަށްޖެހުމުގައި ނާކާމިޔާބުވެ އޭނާގެ ބަދަލުގައި އިންޒާގީ އެ ކްލަބާ ހަވާލުވެ އޭނާއަށްވެސް ކްލަބް ރަނގަޅު ހިސާބަކަށް ގެނެސްދެވިފައި ނުވުމުންނެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން ހަތްފަހަރު ހޯދާފައިވާ އޭސީ މިލާނަށް މިހާރު ދިމާވެފައިވާ ހާލަތުން އެ ކްލަބް މިންޖުކުރުމަށް، މިލާންގެ ޕްރެޒިޑެންޓް އަދި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީ، މިހާރު ދަނީ ތައި މަހުޖަނެއް ކަމަށްވާ ބީ ޓީޗާބޮލޯއާ ގުޅިގެން މިލާނަށް 48 ޕަސެންޓްގެ އިންވެސްމަންޓެއް ކުރުމަށް މަސައްކަތްކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޑީލް ކަށަވަރު ކުރެވިއްޖެ ނަމަ، ބަރްލަސްކޯނީ އެ ކްލަބުން ވިއްކާލި ސްޓާ ޕްލޭޔަރުންނާއި އަދި އުމުރުން ދުވަސް ވުމުގެ ސަބަބުން ކްލަބުން ކުޅުންތެރީންތަކެއް ވަކިވުމާ ގުޅިގެން އެ ކްލަބަށް ލިބިފައިވާ ހީނަރުކަމަށް ހައްލެއް ލިބިގެން ދާނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިޓަލީ ލީގު ތާވަލުގެ ހަތްވަނައިގައި އޮތް ސަމްޕްޑޯރިއާއަށް ޔޫރޮޕާ ލީގުން ހަނި ގޮތަކަށް ފުރުސަތު ލިބިފައިވާއިރު، އެޓީމުގެ ކުރީގެ ކޯޗު މިހައިލޮވިޗް މިލާނަށް ގެނައުމާމެދު ތައި މަހުޖަން ބީ ހިތްހަމަ ނުޖެހޭކަމަށްވެސް އަޑުތަކެއް ވަނީ ފެތުރިފައެވެ. ސަމްޕްޑޯރިއާއަށް ޔުރޮޕާލީގުން ފުރުސަތު ލިބުނީ، އިޓަލީ ލީގުގެ ހަވަނައިގައި އޮތް ޖެނޯއާއަށް ޔުއެފާ ލައިސަންސް ނުލިބުމުންނެވެ.