ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މަރުވެފައި އޮތް ތުއްތު ކުއްޖަކު ގެންގޮސްފައިވާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ މިއަދު މެންދުރު 12:15 އެހާކަންހާއިރު މަރުވެފައި އޮތް 11 މަހުގެ ފިރިހެން ކުއްޖަކު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރު އެކުއްޖާ މަރުވެފައި ވާތީ އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ބޭނުންވާ ސާންޕަލްތައް ނެގުމަށްފަހު އެކުއްޖާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެކުއްޖާ ގަސްދުގައި މަރާލީތޯ ނުވަތަ ބަލަންޖެހޭ ފަރާތުގެ އިހުމާލުން މަރުވީތޯ ނުވަތަ ގުދުރަތީ މަރަކުން ވަރުވީތޯ. މިކަންކަން އެނގޭނީ ތަހުގީގަށްފަހު،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.