14 Jun 2015, 19:21
އުމުރުން 29 އަހަރުގެ ކޮލަމްބިއާ އިންޓަނޭޝަނަލް ފޯވާޑް ރަޑެމަލް ފަލްކާއޯ އަކީ އިންގްލޭންޑްގެ ޗެމްޕިއަން ޗެލްސީއަށް ވަރަށް ރަނގަޅު ކުޅުންތެރިއަކަށް ވާނެކަމަށް ޗެލްސީގެ ބެލްޖިއަމް ގޯލްކީޕަރު ތިބައު ކޯޓުއާ ބުނެފި އެވެ.
ކޯޓުއާ ބުނީ، ކުރިއަށް އޮތް ހޫނު މޫސުމްގެ ޓްރާންފާގައި ޗެލްސީއަށް ކުޅުންތެރިން ހޯދުމަށް އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ކުރަމުން އަންނަ މަސައްކަތުގައި ފަލްކާއޯގެ ސޮއި ހޯދިއްޖެ ނަމަ އެއީ ވަރަށް ފުރިހަމަ ނިންމުމަކަށް ވެގެންދާނޭ ކަމަށެވެ.
ފަލްކާއޯ ޗެލްސީއަށް ގެނައުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރަމުން ދަނީ މޮރީނިއޯ ކަމަށްވާއިރު، އޭނާ ބުނެފައިވަނީ، މެންޗެސްޓާ ޔުނައިޓެޑްގައި ކާމިޔާބު ނޫން ތަޖުރިބާތަކެއް ފަލްކާއޯ ކޮށްފައިވީ ނަމަވެސް އޭނާގެ އަސްލު މަގާމު ހޯދައިދިނުމަށް އެހީތެރިވާން ތައްޔާރަށް ހުރި ކަމަށެވެ.
ޔުނައިޓެޑްގައި ފަލްކާއޯ ހޭދަކުރި ދުވަސްތަކުގައި އޭނާ އެ ކްލަބަށް 26 މެޗު ކުޅެދީފައިވީ ނަމަވެސް އޭނާއަށް އެ މުއްދަތުގެ ތެރޭގައި ކާމިޔާބުކުރެވިފައި ވަނީ އެންމެ ހަތަރު ލަނޑެވެ. އެހެން ނަމަވެސް ޗެލްސީގެ ގޯލް ކީޕަރު ކޯޓުއާ ގަބޫލުކުރާ ގޮތުގައި ފަލްކާއޯ ވެގެންދާނީ މޮރީނިއޯގެ ޗެލްސީ ސްކޮޑަށް އިތުރުވެގެންދާނޭ ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.
"ޓްރާންސްފާގެ ކަންތައްތައް އަހަންނަކަށް އެހާ ރަނގަޅަކަށް ނޭނގެ. އެހެން ނަމަވެސް ފަލްކާއޯ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އޭނާއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް،" ކޯޓުއާ ބުންޏެވެ. "ގޮތެއް ނިންމާނީ ކްލަބުން، އެކަމަކު ޗެލްސީއަށް ވަރަށް މުހިއްމު ކުޅުންތެރިއަކަށް އޭނާ ވެގެންދާނެ."
ފަލްކާއޯ މިވަގުތު ހުރީ ޗިލީގައި ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ކޮލަމްބިއާ ސްކޮޑާއެކު ޗިލީގައެވެ. މި މުބާރާތުގައި ކޮލަމްބިއާ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ.