ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްވި އެވެ.

އިބްތިހާލު މަރާލިކަމުގެ ތުހުމަތުގައި އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރތިވުމުގެ ދައުވާ ވެސް ދައުލަތުން ވަނީ އުފުލާފަ އެވެ. އެ ދެ މައްސަލައިގެ ޝަރީއަތް ވެސް ތާވަލުކޮށްފައި ވަނީ މާދަމާގެ 10:00 ޖަހާއިރަށެވެ.

ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.