އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގެ ދާއިރާއިން އަވަހަށް ކުރިއަށް ދިއުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޖަރުމަނުވިލާތުގެ ބޯންގައި ބޭއްވި މަޝްވަރާތަކުގައި އިއާދަކުރަނިވި ހަކަތައަށް އިސްކަން ދެއްވައި ޖީ 7 ގެ ގައުމުތަކުގެ މަންދޫބުން ދެއްކެވި ވާހަކަ ފުޅަށް މަރުހަބާ ވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ ރާއްޖެއަށް އެކަމަށް ފައިސާ ބޭނުންވާ ކަމަށެވެ.

"...ޖީ7 ގެ އިސްނެގުމަށް ދިވެހިރާއްޖޭން މަރުހަބާ ކިޔަން. ތަރައްގީވަމުން އަންނަ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަވަހަށް ދުރަށް ދަތުރުކުރަން ރާއްޖެ އޮތީ ތައްޔާރަށް. ތަރައްގީ ވަމުން އަންނަ އެހެން ގައުމުތަކެކޭ އެއްފަދައިން އެކަމަށްޓަކައި ފައިސާ އާއި ޓެކްނޮލޮޖީ ބޭނުންވޭ،" ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮޕް21 (މިހާރު އެކުލަވައިލުމަށް މަސައްކަތް ކުރަމުން އަންނަ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާ) އަކީ ދުނިޔޭގެ ސަލާމަތަކަށް ފުދޭ ފަދަ އެއްބަސްވުމަކަށް ހެދުމަށް ޖީ 7 ގެ ގައުމުތަކާ އެކު ރާއްޖޭން މަސައްކަތް ކުރާނެ ކަމަށް ވެސް ދުންޔާ ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވެފައި ވަނީ އެ އެއްބަސްވުމާ ބެހޭ ގޮތުން ކުރަމުން އަންނަ މަޝްވަރާތައް ނިމި، އެއްބަސްވުމަކަށް އާދެވެން ޖެހޭ ކަމަށެވެ.