ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިމާދުއްދީން ސްކޫލްގައި ހުންނަ ޖުވެލް ސެންޓަރުގައި ތައުލީމް ހާސިލް ކުރާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް 120،000 ރުފިޔާގެ އެހީއެއް ދީފިއެވެ.

އިމާދުއްދީން ސްކޫލްގައި މިއަދު ބޭއްވި ހަފްލާއެއްގައި ބޭންކުންނާއި ބޭންކުގެ މުވައްޒަފުންގެ ފަރާތުން އެ ކުދިންނަށް ރަނގަޅު ކުރިއެރުމެއް ހޯދައި ދިނުމުގެ ގޮތުން 50,000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. އަދި ބީއެމްއެލްގެ މުވައްޒަފުން އެ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އެއްކުރި ފައިސާއިން 70,000 ރުފިޔާގެ އަގުހުރި ތަކެތި ވަނީ އެކުދިންނަށް ހަދިޔާ ކޮށްފައެވެ. އެތަކެތީގެ ތެރޭގައި ހިމެނެނީ އެކުދިން ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ "އެޑިއުކޭޝަނަލް ޓޯއީސް" އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، އެ ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް ބުރަ މަސައްކަތެއް ކުރާ ތަނަކަށް ވުމުން އެ ސްކޫލަށް އެހީވުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"މިތަނުގައި ކުދިންނަށް ބޭނުންވާ ތަމްރީނާއި ހުނަރު އެ ކުދިންނަށް ލިބި، އެކަށީގެންވާ މާހައުލެއްގައި އެކުދިންނަށް އަޅާލެވެމުންދާކަން އަޅުގަނޑުމެން ފާހަގަކުރަން،" އެންޑުރޫ ވިދާޅުވި އެވެ.

ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިން އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުގައި ހަ އަހަރާއި 15 އަހަރާ ދެމެދުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމް އުނގަންނައި ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ އޯޓިޒަމާއި ސެރީބްރަލް ޕަލްސީގެ އިތުރުން ޑައުން ސިންޑްރޯމް އަދި އުނގެނުމުގައި ދަތިކަން ހުންނަ ކުދިންނެވެ.