14 Jun 2015, 15:37
އިންގްލެންޑްގެ ކުޅުންތެރިއަކަށް ވީތީ، މެންޗެސްޓާ ސިޓީއަށް ކޯޓާ ހަމަކުރަން ބަދަލު ނުވާނެ ކަމަށާއި އަދި ވެސް ކުޅެން ބޭނުންވަނީ އާސެނަލަށް ކަމަށް އެޓީމުގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ ބުނެފި އެވެ.
ޕްރިމިއަ ލީގުގެ ރަނަރަޕް، މެންޗެސްޓާ ސިޓީންދަނީ އެޓީމަށް ކުރިން ކުޅުނު، އިންގްލޭންޑްގެ ދެ ކުޅުންތެރީން ކަމަށްވާ ޖޭމްސް މިލްނާއާއި ފްރެންކް ލަމްޕާޑު ދިއުމުން އެ ދެކުޅުންތެރީންގެ ބަދަލުގައި އިނގިރޭސި ކުޅުންތެރީން ޓީމަށް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"އަހަރެން ކްލަބަކަށް ނުދާނަން ހަމައެކަނި އަހަންނަކީ އިންގްލެންޑަށް އުފަން ކުޅުންތެރިއަކަށް ވެގެންނޭ ކިޔައިފައެއް،" އުމުރުން 23 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.
"އަހަރެން ބޭނުންވަނީ ކްލަބް ބޭނުވެގެން ހޯދާ ކްލަބަކަށް ދާން. އަހަރެން އެދެނީ އާސެނަލަށް އަހަރެން ބޭނުންވުން."
ތަނބިކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަމަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ސަބަބުން މިދިޔަ ސީޒަންގައި އާސެނަލްގެ ފުރަތަމަ 11ގައި ވިލްޝެއާ ހިމެނިފައިވަނީ އެންމެ ނުވަ މެޗުގައެވެ.
ސިޓީގެ ލަމްޕާޑް ނިއުޔޯކް ސިޓީއަށް އަދި މިލްނާ ލިވަޕޫލަށް ގޮސްފައިވާ އިރު، އެޓީމުން ދަނީ ޕްރިމިއަ ލީގުގައި ކުޅޭ އިނގިރޭސި ކުޅުންތެރީން އެޓީމަށް ހޯދުމަށް އަތްފުނާއަޅަމުންނެވެ. އެހެން ނަމަވެސް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފައި ވަނީ އޭނާ، ވިލްޝެއާ ވިއްކާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
"އަހަރެން އުޅެ ބޮޑުވީ އާސެނަލްގައި. އާސެނަލުން އަހަރެން ބޭނުންވާހާ ހިނދަކު އަހަރެން އުފަލާއެކު މި ކްލަބްގައި ހުންނާނަން،" ވިލްޝެއާ އިތުރަށް ބުންޏެވެ.
ވިލްޝެއާ ބުނެފައިވާ ގޮތުން މިވަގުތު އޭނާ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބާސެލޯނާގެ ލިއޮނަލް މެސީއާއި އަންދުރޭ އިނިއެސްޓާގެ ފަރާތުން އޭނާގެ ހުނަރު ކުރިން ހުރި ފޯމަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ.
ވިލްޝެއާ ބުނީ، އޭނާ ކުޅޭ ސްޓައިލްގެ ސަބަބުން އަނިޔާތައް ކުރިމަތިވާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އައި ނަމަވެސް، ބޯޅަހިފައިގެން ދުވުމާއި ޓެކްލް ކޮށްގެން ކުޅުމަށް އޭނާ ގެންގުޅޭ 'އެޕްރޯޗް' ބަދަލުކުރަން ނުވިސްނާ ކަމަށެވެ.
"އަހަރެން އަނިޔާގައި ހުރި ދުވަސްވަރު، މީހުން ބުނެފައި އެބަހުރި، އަހަރެންގެ ކުޅުމުގެ އެޕްރޯޗް ބަދަލުކުރަން އެބަ ޖެހެއޭ،" ކުޅުމުގެ ސްޓައިލް ބަދަލުކުރުމަކީ އުނދަގޫކަމެއް ކަން ފަހަގަކުރަމުން ވިލްޝެއާ ބުންޏެވެ.