14 Jun 2015, 15:20
އަންނަ އާދިއްތަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަތުމަށް އިސްލާމިކް މިނިސްޓުރީއިން ނިންމައިފި އެވެ.
އެ މިނިސްޓުރީއިން މިއަދު ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓުރީއިންނާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ވިލިމާލޭގެ އިތުރުން ރަށްރަށު ކައުންސިލްތަކުން ބަލައިގަންނާނެ ކަމަށެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން 13:00 އަށް އެ އިދާރާތަކުން ޒަކާތް ބަލައި ގަންނާނެ ކަމަށް އެ މިނިސްޓުރީއިން ބުންޏެވެ.
"ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަޑުލުގެ މިންވަރު، ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތްތަކަށް ބަލައިގެން. ރަސްމީކޮށް ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައި ވަނީ 2.4 ކިލޯ ހަޑުލުގެ އަގަށް ވާ ފައިސާއިން،" އެ މިނިސްޓުރީއިން ބުންޏެވެ.
ޒަކާތް ދައްކަންޖެހޭ މިންވަރު
އާދައިގެ ހަނޑޫނަމަ މީހަކަށް 12 ރުފިޔާ
- ތައިލެންޑް ހަނޑޫ ނަމަ މީހަކަށް 50 ރުފިޔާ
- ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 75 ރުފިޔާ
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވީ މިއަހަރު ވެސް ދިރާގާއި އުރީދޫ މެދުވެރިކޮށް އެސްއެމްއެސް ކޮށްގެން ޒަކާތް ދެއްކޭނެ ކަމަށެވެ.
ޒަކާތު ފައިސާ ދޫކުރަން ނިންމާފައި ވަނީ ރޯދަ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވެހުއެވެ.
މި އަހަރު ފަގީރުންގެ ގޮތުގައި ނަންނޯޓް ކުރުމަށް މިމަހުގެ 25 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ފަގީރުން ނަންނޯޓް ކުރުން އޮންނަނީ ޒަކާތް ބަލައިގަންނަ މަރުކަޒުތަކުންނެވެ.
މިދިޔަ އަހަރުގެ މުދަލު ޒަކާތުން ފަގީރުންނާއި މިސްކީނުންނަށް ބަހަން ނިންމާފައިވާ ބައިން ފަގީރުންގެ ގޮތުގައި ސިޓީ ކައުލްސިލްގައި ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް ފައިސާ ދޫކުރާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓުރީން ކަމަށް ވެސް އެ މިނިސްޓުރީން ބުންޏެވެ.