އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅި ލިޔުންތައް ކްރިމިނަލް ކޯޓުން ހައިކޯޓަށް ފޮނުވައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ލިޔުންތައް ހައިކޯޓަށް ފޮނުވީ މިއަދު ކަމަށެވެ.

ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އެ މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

ޝަރީއަތް ނިމެންދެން އިމްރާން ބަންދުގައި ބަހައްޓަން އަމުރު ނެރެފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހުގެ ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

އިމްރާން ޝަރީއަތްނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ، މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވި އެވެ.