ދައުލަތުގެ އިސްވެރިންގެ ބަރަހަނާ މަންޒަރުތަކެއް ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމައިލްކުރުމަށް ބަޔަކު މަސައްކަތްކުރި މައްސަލައާ ގުޅޭ ގޮތުން ހަވީރުގެ ދެ ނޫސްވެރިޔަކު ލިޔެފައިވާ ލިޔުމަކާ ބެހޭ ގޮތުން ސުވާލުކުރުމަށް އެ ނޫސްވެރިން ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލަ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް )އައިއެފްޖޭ( އިން ކުށްވެރިކޮށްފި އެވެ.

އައިއެފްޖޭގެ ވެބްސައިޓުގައި އިއްޔެ ޝާއިއުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ނަން ނުޖެހުމަށް ޝަރުތުކޮށް ޚަބަރަށް މައުލޫމާތުދޭ ފަރާތް ނުވަތަ މަސްދަރު ހިމާޔަތްކުރުމަކީ، މުޖުތަމައުގައި ހިނގާ ނުރަނގަޅު ކަންތައްތައް އާއްމުންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

އަދި ހަވީރުގެ ދެ ސީނިއާ ނޫސްވެރިން ކަމަށްވާ އިސްމާއިލް ނަސީރާއި އަހްމަދު ހަމްދޫން ލިޔެފައިވާ ޚަބަރުގައި ހިމަނާފައިވާ މަސްދަރާ ގުޅޭ ގޮތުން ފުލުހުން ސުވާލުކުރުމުން، އެމައުލޫމާތު ފުލުހުންނަށް ނުދޭން ނިންމި ނިންމުމަށް އެ ޖަމިއްޔާއިން ވަނީ މަރުހަބާ ކިޔައިފައިވެ އެވެ.

"މަސްދަރު ހާމަކުރުމަށް ފުލުހުން ޑިމާންޑްކުރުމުން އެކަމަށް އެ ނޫސްވެރިން ދެކޮޅުހެދުމުން އަހަރަމެންނަށް ވަރަށް ބޮޑަށް ހިތްވަރެއް ލިބިއްޖެ،" އެ ބަޔާނުގައި އައިއެފްޖޭގެ އޭޝިޔާ ޕެސިފިކް ޑައިރެކްޓާ ޖެކެލިން ޕާކް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ހަވީރުގެ ދެ ނޫސްވެރިން ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ.

އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފައި ވަނީ، "ދައުލަތުގެ އިސްވެރިންތަކެއް ބަރަހަނާކޮށްލައިފި" މި ސުރުހީގެ ދަށުން އެތަނުގެ ދެ ނޫސްވެރިން ލިޔެފައިވާ ޚަބަރާ ގުޅިގެން އެމީހުންގެ މައްޗަށް އޮރިޔާންކާޑު އުފެއްދުމާއި ގެންގުޅުމުގެ ޖިނާއީ ކުށުގެ ތުހުމަތުކޮށް، އެކަން ތަހުގީގުކުރުމަށް ދިވެހި ފުލުހުން ކުރި މަސައްކަތަކީ ނޫސްވެރިން ޒިންމާދާރު ގޮތުގައި އަދާކުރަމުންގެންދާ ޤާނޫނީ އަދި ދުސްތޫރީ މަސްއޫލިއްޔަތަށް އަރައިގަތުން ކަމަށެވެ.

އަދި އައިއެފްޖޭއާ އެކު ޕާޓްނާޝިޕް ހަދައިފައިވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ އެ އަމަލު ސިފަވަނީ "މިނިވަން ނޫސްވެރިކަން ނައްތާލުމަށާއި ތަހުގީގީ ނޫސްވެރިކަން ނެތިކޮށްލުމަށް" ހިންގި އަމަލެއްގެ ގޮތުގައި ކަމަށެވެ.