14 Jun 2015, 14:29
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ރާއްޖޭގެ އާ ނައިބް ރައީސްކަމުގެ ހުވާ ކުރައްވާނެ ކަމަށް ޕީޕީއެމްގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި އަދީބަށް ނިސްބަތް ކުރައްވައި ވިދާޅުވެފައި ވަނީ، "ބްރޯއަކީ މިހާރު ބްރޭންޑެއް" ކަމަށެވެ. އަދި މިނިވަން ދުވަހުގެ އަލިވިލޭނީ އާ ނައިބް ރައީސްގެ އާ ދައުރާ އެކު "ގައުމުގެ ބްރޯއާ" އެކު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
Mihaaru BRO Akee Brand eh. Minivan dhuvahuge alivileynee new Naibu Raees ge new Dhauraa eku. Gaumu BRO aaieku#KKBK.pic.twitter.com/giQtrofuKc
— Mohamed Musthafa (@Thimarafushi)June 14, 2015
މުސްތަފާ މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މި ވަނީ ތ. އަތޮޅަށް އަދީބާއި ޔޫތު މިނިސްޓަރު އަދި ޕީޕީއެމްގެ ބައެއް މެމްބަރުންނާ އެކު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ނައިބް ރައީސް ކަމުގެ މަގާމަށް އަދީބު ހަމަޖައްސަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފައި ވަނީ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހުންގެ އުމުރަކީ 30 އަހަރާއި 60 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީ އަށް ޕީޕީއެމުން ގެނައުމަށް ހުށަހެޅި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގެ ބިލް މިހާރު ވަނީ މަޖިލީހުން ބަލައިގަނެފައެވެ.
ނަމަވެސް އަދީބު ނައިބް ރައީސް ކަމަށް ގެނައުމާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި މިހާތަނަށް އެއްވެސް އެއްޗެއް ޕީޕީއެމުން އަދި ސަރުކާރުން ވެސް ބުނެފަައެއް ނުވެ އެވެ.