ރަމަޟާން މަހަށް މާލޭގެ ގެތައް ސާފުކުރުމުން އުފެދޭ ކުނި އުކާލަ ދިނުމުގެ ހަރަކާތެއް ހިންގަން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީ އާއި ފުލުހުން އަދި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތައް ގުޅިގެން އެ ހަރަކާތް ހިންގާމީ މާދަމާ ހަވީރު 4.00 އިން ފެށިގެން ރޭގަނޑު 9.30 އަށް ކަމަށް ހައުސިން މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.

"...ރާއްޖޭގައި މިއަދާ ހަމައަށް އައި އިރު ވެސް އަޅުގަނޑުމެން ދިވެހިން ހާއްސަކޮށް ރަމަޟާން މަހަށް ވަރަށް ބޮޑަށް ތައްޔާރީތަކެއް ވަމުން އެބަ ގެންދޭ، މިއީ ހަމަ ޒަމާނުއްސުރެ ފެށިގެން މިކަން ހިނގަމުން އަންނަ ގޮތް. ދެން އަޅުގަނޑުމެން ހިތަށް އެރީ މި ހިދުމަތް އަޅުގަނޑުމެން ފޯރުކޮށްދެމުން ގެންދާތީ، އަދި ހާއްސަކޮށް ކުނީގެ ކަންތައް އެންވަޔަރްމެންޓް މިނިސްޓްރީއަކީ ކުނީގެ ކަންތައް މެނޭޖްކުރުމުގެ ޒިންމާ އޮތް ފަރާތް. އެހެންވީމާ އަޅުގަނޑުމެން ހިތަށް އެރީ ރަމަޟާން މަހަށް އަޅުގަނޑުމެން ވެއްޖޭ މާލޭގެ ރައްޔިތުންނަށް އަމާޒުކޮށް ، ގޭތެރޭގައި މި ރަމަޟާން މަހަށް ހާއްސަކޮށް ރޫޅާލާ ކަބަޑުތަކާ ފާޑުފާޑުގެ ކުނި އުކާލައި ދިނުމުގެ ހިދުމަތެއް އަޅުގަނޑުމެން މިނިސްޓްރީން ފޯރުކޮށްދޭން،" މާދަމާ ހިންގާ ހަރަކާތާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ޢަބުދުﷲ ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާދަމާގެ ހަރަކާތުގައި ކުނި އުކައިލަން ބޭނުންވާ ގެތަކުން ، މަގުމައްޗާ ހަމައަށް ކުނި ނެރެން ޖެހޭނީ އެގެއެއްގެ މީހުން އަމިއްލައަށް ކަމަށެވެ. އަދި ކުނި އުކައިލަން ބޭނުންވާ ގެތަކުން ކުރިން ގުޅައި ނަން ނޯޓް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"...މިއަދުގެ ހަވީރު 3.00 އިން ފެށިގެން މިރޭގެ 10.00 އާ ހަމައަށް، އަޅުގަނޑުމެންގެ އިންނާނެ ދެ ނަމްބަރެއް، އެއީ 3322023 އަދި 3335783، މި ދެނަމްބަރުން އަޅުގަނޑުމެންނާ ގުޅޭނެ. ގުޅުއްވާފައި ، ކޮން ގެއެއްކަމާއި ކޮން ކަހަލަ އެއްޗެއްކަން އުކައިލަން ހުރީ ނޯޓް ކޮށްލެއްވޭނެ،" ޝަރީފު ވިދާޅުވިއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަލީ އާމިރު ވިދާޅުވީ މާދަމާގެ ހަރަކާތުގައި ދެ މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ބޮޑެތި ކުންފުނި ތަކުން ބައިވެރިވި ނަމަވެސް، އެކަމުގައި ބައިވެރިވާން ބޭނުންވާ އާއްމުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކުނި އުކާލައި ދިނުމުގެ ހަރަކާތް ރަސްމީކޮށް ފަށާނީ މާދަމާ ހަވީރު 4.00 ގައި ތައިސޭ ކޮށި ކައިރިންނެވެ.