14 Jun 2015, 14:27
ވޯލްޑްކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި އޭޝިއާ ޒޯންގެ ގުރޫޕް ސީގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗްގައި މިއަންނަ އަންގާރަ ދުވަހު ހޮންކޮންގާ ދެކޮޅަށް ނިކުންނައިރު އެ މެޗް އެއްވަރުކޮށްލަން ވިސްނައިގެން ފަރުޖައްސާލެވެން ނެތް ކަމަށާއި މަސައްކަތް ކުަރަނީ ލަނޑުތަކެއް ޖަހައި މޮޅުވުމުމަށް ކަމަށްގައުމީ ގައުމީ ޓީމްގެ ކޯޗް ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
ރޭ ހޮންކޮންގަށް ފުރުމުގެ ކުރިން އެއް ނަންބަރު ފާލަން ކައިރީގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮޕޯފް ބުނީ ހޮންކޮން މެޗްގައި ރާއްޖޭގެ ބޯޅަ ޕޮޒިޝަން އިތުރުކޮށް ގިނަ ފުރުސަތު ތަކެއް ތަނަވަސްކުރަން ޖެހޭ ކަމަށެވެ.
ޕޮޕޯފް ބުނީ އެ މެޗްގައި ލަނޑު ނުޖެހިއްޖެނަމަ އެހެން ގޮތެއްވެ ރަނގަޅު ކާމިޔާބެއް ނުހޯދޭނެ ކަމަށެވެ.
ހޮންކޮން ޓީމަކީވެސް ގައުމުން ބޭރުގެ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށާއި އޭގެ ތެރޭގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ހަ ކުޅުންތެރިޔަކު ހިމެނޭ ކަމަށް ވެސް ގައުމީ ޓީމުގެ ކޯޗު ބުންޏެވެ.
ހަމައެކަނި ހޮންކޮން ޓީމާ ދެކޮޅަށް ކުޅެން ޖެހޭނަމަ ރާއްޖެއަށް ފަސޭހައިން މޮޅު ވެވިދާނެ ކަމަށް ޕޮޕޯފް ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި ދިމާވި ކަންތައްތައް ހަނދާން ނައްތާލަން ޖެހޭ ކަމަށާއި، ފުޓްބޯޅައިގައި އިއްޔެ މުހިންމު ނޫންކަން ކޯޗު ފާހަގަކުރިއެވެ. އަދި މި ކުޅިވަރުގައި މުހިންމު އެއްޗަކީ އަބަދުވެސް މާދަމާ ކަމަށް އޭނާ ބުންޏެވެ.
ޕޮޕޯފް ބުނީ، "ހޮންކޮން މެޗަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރަނގަޅަށް ރިކަވާ ވުން. މެންޓަލީވެސް ފިޒިކަލީވެސް ތައްޔާރުވުން،" ކަމަށެވެ.
ހޮންކޮންގެ މޮންކޮކް ސްޓޭޑިއަމްގައި އެޓީމާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗް އޮންނާނީ ރާއްޖޭ ގަޑިން އަންގާރަ ދުވަހުގެ ހަވީރު 5:00 ގައެވެ.
ހޮންކޮން ކުޅުނު ފުރަތަމަ މެޗް 7-0 ގެ ނަތީޖާއަކުން ބޫޓާން އަތުން މޮޅުވިއިރު ރާއްޖެ ވަނީ ގަތަރު އަތުން 1-0 ގެ ނަތީޖައަކުން ބަލިވެފައެވެ.
ގަތަރުން ލަނޑު ޖަހާފައިވަނީ މެޗްގެ 90 މިނެޓް ހަމަވެ ބަދަލު ރެފްރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓްގެ ކުޅުން ފާއިތުވެ ނުވަ ވަނަ މިނެޓްގެ އެންމެ ފަހު ސިކުންތު ކޮޅު ތެރޭގައެވެ.