14 Jun 2015, 13:58
ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު ސަރުކާރުން މަޝްވަރާ ކުރުމަށް ތާވަލްކޮށްފައިވާ ދެ ވަނަ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރުގެ މަޝްވަރާތަކުގައި ބައިވެރިވާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު "ސަން"އަށް ވިދާޅުވީ މަޝްވަރާ ބައްދަލުވުން ފަސްކުރެވުނު ވާހަކަ ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުން ފަސްކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން މާލޭގައި ނޫޅުއްވާތީ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރައީސްގެ ތަރުޖަމާނު އަބްދުﷲ މުއާޒު އަލީ ވިދާޅުވީ ޖޭޕީއާ އެކު މިއަދު ބާއްވަން ހަމަޖެއްސި މަޝްވަރާ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށާއި ދެން ބާއްވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.
ސަރުކާރާއި އެކު ޖުމްހޫރީ ޕާޓީން ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ މަޝްވަރާ ކުރާނެ ހަތަރު ކަމެއް ހުށަހަޅާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ސިޔާސީ އެއްބައިވަންތަ ކަމަކަށް ސިޔާސީ ހުރިހާ ޕާޓީއެއްގެ ބައިވެރިވުން މުހިންމު ކަމަށާއި އެފަދަ ޕްލެޓްފޯމެއް އެކަށައަޅައިދެއްވުން
- ސިޔާސީ ގޮތުން އެކި އެކި ހުކުމުގައި ތިއްބެވި ބޭފުޅުންނާއި އަދި ޓްރައަލްގައި ތިބި ބޭފުޅުންގެ މައްސަލަތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަން ރިވިއުކޮށްދިނުން
- އަދުލު އިންސާފުގެ ދާއިރާ ވީހާ ވެސް މިނިވަން ކަމާ ކުރިއަށް ދާނެ ގޮތެއް މަގުފަހިކޮށްދިނުން
- ލޯކަލް އިންވެސްޓަރުންގެ އިންވެސްޓްމެންޓުތައް ހިމާޔަތް ވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި ދިނުން
ސަރުކާރުން ވެސް ވަނީ އިދކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރާނެ ތިން ކަމެއް މީގެ ކުރިން ފާހަގަކޮށްފަ އެވެ. އެ ތިން ކަމަކީ
ސިޔާސީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައި ދީ، އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން
- ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ދުސްތޫރީ ނިޒާމަށާއި އަދި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމަށް
- އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރާ ސަބަބަކީ ގައުމު ބިނާކުރުމަށްޓަކާ އަދި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމް ކުރުމަށް
އިދިކޮޅު އެމްޑީޕީ އަދި އަދާލަތު ޕާޓީއާއެކު މަޝްވަރާތައް ނުފެށިފައި ވަނީ ޝަރުތުތަކެއް ކުރިމަތި ކުރުވާފައި ވާތީ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް އެ ފަރާތްތަކުން ދެ ވަނަ ވިސްނުންފުޅަކަށް ވަޑައިގެންފި ނަމަ އެ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަން ފަސޭހަވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
ސަރުކާރާއެކު އެމްޑީޕީގެ ފަރާތުން މަޝްވަރާ ކުރައްވަން ކަނޑައެޅުއްވި ޓީމުގައި މިހާރު ހުކުމް ތަންފީޒު ކުރަމުން ދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާތީ ސަރުކާރުން ވަނީ ނަޝީދާއި އެކު މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި އަދާލަތުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިހާރު ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތުގެ ބޭނުމަށް ފުލުހުންގެ ބަންދުގައި ހުރި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޝްވަރާތަކުގައި ބައިވެރިކުރުމެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ޝަރުތު ގަބޫލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.