14 Jun 2015, 13:28
ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ ޝަރީއަތް، ހެކިން ހާޒިރު ނުކުރެވިގެން ދެވަނަ ފަހަރަށް ކެންސަލްކޮށްފި އެވެ.
މިދިޔަ ހަފްތާގައިވެސް ވަނީ އެމައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. ނަމަވެސް އެދުވަހުވެސް ހެކިން ހާޒިރު ނުކުރެވިގެން މައްސަލަ ވަނީ ކެންސަލުކޮށްފަ އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހ. އެވަޕީސް، އަބްދުﷲ ސޮފްވަތާއި ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާގެ މައްޗަށެވެ. އެ ދެމީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ހޮރުމޯޒު ނަމަކަށް ކިޔާ އީރާނުގެ ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅި ތަކުގެ ތެރެއަށްލައި ފައިބަރުޖަހައި ބަންދުކޮށްގެނެވެ. އެ ތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ މީހުންގެ ތެރެއިން އެކަކު ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތުއެވެ.
މަސްތުވާތަކެތި ހިފައިގެން ރާއްޖެއައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.
އެ މައްސަލަ ކުރިން ބައްލަވާފައިވަނީ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު އެވެ. ނަމަވެސް މިހާރު އެމައްސަލަ ބެއްލެވުމާ ހަވާލުވެޑައިގެން ހުންނެވީ އިސްގާޒީ އަބްދުﷲ މުހައްމަދު އެވެ.