ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ހަ މީހެއްގެ މައްޗަށް އުފުލު ދައުވާ އަނބުރާ ގެންގޮސް ވަކި ދެފޯމަކުން އަލުން ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ހިޝާމް ވަޖީހު 'ސަން' އަށް ވިދާޅުވީ މިހާރު އެމައްސަލައިގެ ދައުވާ ވަކި ވަކިން އުފުލާފައިވާ ކަމަށެވެ. މީގެ ކުރިން އެ ދައުވާ އުފުލާފައި ވަނީ ހަ މީހުންގެ މައްޗަށްވެސް އެއް ފޯމަކުންނެވެ.

އެ މައްސަލައިގައި ދައުލަތުން މަކާރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައިވާ ރ. ރަސްމާދޫ ބަހާރުގެ އަލީ އަޝްރަފު އާއި، ރިޓަޔަޑް ކާނަލް ޝައުކަތު އިބްރާހީމުގެ އަޑުއެހުން މިއަދަށް ތާވަލުކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.

މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފައި ވަނީ ޝައުކަތު ކޯޓަށް ހާޒިރުވެފައިނުވާތީއެވެ.

އަޝްރަފާއި ޝައުކަތުގެ އިތުރުން އެ މައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ ށ. ޅައިމަގު ޖަމްސަރީރުގޭ މުހައްމަދު މުސްތައުމިދާއި އެ ރަށު ގޯލްޑް ސްޓާ މުހައްމަދު މުސްތަފާގެ އިތުރުން އެސްބީއައިގެ ދެ މުވައްޒަފުން ކަމުގައިވާ ހ. މިއުރެކްސް، ސުލްތާނާ ހުސައިން އާއި ހއ. ކެލާ ރޯޒްމީޑް، އައިޝަތު ހުސައިންގެ މައްޗަށެވެ.

ޝީޝާގެ ތިން ބެއިންގެ އެކައުންޓުން ފައިސާތަކެއް ނެގި ކަމުުގެ ތުހުމަތުގައި ކުރިން ހުށަހެޅި މައްސަލާގައިވެސް ވަނީ އަޑުއެހުންތަކެއް ބާއްވާފަ އެވެ. އެގޮތުން އެމައްސަލާގައި ދައުވާ ލިބޭ ހަ މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝީޝާގެ ތިން ބެއިންގެ ތެރެއިން ހުސައިން ހުޝާމް ކުރިން ވިދާޅުވެފައި ވަނީ ފައިސާތައް ޓްރާންސްފާކޮށްފައި ވަނީ އާއްމު ދެ މީހެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި ސޭވިން އެކައުންޓަކަށް ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު 8.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ އިރު އަނެއް 9.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައި ވަނީ 2011 ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އެ ދެ ފަހަރު ވެސް ފައިސާ ޓްރާންސްފާކޮށްފައި ވަނީ އަހުމަދު ހަސަން މަނިކުގެ ނަން ޖަހައި ހުސައިން ހުޝާމުގެ ވަގު ސޮއިކޮށް، އެސްބީއައި އަށް ފެކްސްއެއް ފޮނުވައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.