ހަތަރު އަހަރުވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 34 އުޅަނދެއް ނައްތާލައިފިއެވެ.

މިއަދު ހެނދުނު އެއް ނަމްބަރު ކުނިކޮށީގައި ނައްތާލާފައިވަނީ ހަތަރު ފުރޮޅުލީ އަށް ވެހިކަލާއި ދެ ފުރޮޅުލީ 26 އުޅަނދެކެވެ. އޭގެ ތެރޭގައި ސައިކަލާއި ބައިސްކަލް ހިމެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ނައްތާލާފައިވާ އުޅަނދުތަކަކީ ހަތަރު އަހަރު ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށެވެ.

"އެއީ ހަތަރު އަހަރުވެފައި ހުރި ވެހިކަލްތަކެއް، އަދި އެއީ ހަލާކުވެފައި ބާވެފައި ހުރި އެއްޗެހިތަކެއް." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މިހާރު ވަނީ މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަކާއި ވެރިފަރާތް ނޭނގޭ ގޮތަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނަގައި ތިލަފުއްޓަށް ގެންދަން ފަށާފައެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހަނީފް ވިދާޅުވީ މާލޭގެ މަގުތަކާއި ގޯޅިތަކުގައި ޕާކްކޮށްފައި ހުރި ގިނަދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަކާއި ސުންބޯޑު ޖަހައި ވެރިފަރާތް ނޭގޭ ގޮތަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމަށް ފަށާފައިވާ އޮޕަރޭޝަން ހުއްޓާލާނީ މާލޭގެ މަގުތަކުގައި އެގޮތަށް ބަހައްޓާފައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނަގައި މަގުމަތި ސާފުކުރެވުމުން ކަމަށެވެ.