އެސްޓީއޯގެ ޓޫރިސްޓް ރިސޯޓެއް ކަމަށްވާ "ވަކަރުފަޅި" ވިއްކުމުގެ މައްސަލަ އާއި ސްޓެލްކޯ އިމާރާތް ކުރުމުގެ މައްސަލައިގެ އިތުރުން "ތުނބުފަޅު"ގެ މައްސަލަ ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

ދައުލަތުގެ މުދަލާއި ފައިސާ އާއި ދައުލަތުގެ ކުންފުނިތަކަށް ބޮޑެތި ޚިޔާނާތްތައް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ބެލުމަށް 2009 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ތިން މައްސަލަ ވަރަށް ފުޅާދާއިރާއެއްގައި އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެސްޓީއޯގެ "ވަކަރުފަޅި" ވިއްކާފައި ވަނީ ކޯޕަރޭޓް އުސޫލާ ހިލާފަށް ކަމަށާއި ސްޓެލްކޯ ބިލްޑިން އިމާރާތް ކުރުމާއި އެ މަސައްކަތް ހަވާލުކުރުމުގައި، ޓެންޑާ އުސޫލުތަކާ ޚިލާފުވެ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން "ތުނބުފަޅު" ކިޔާ ފަޅެއް އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ހެލްތު އިންޝިއުރެންސްގެ ޚިދުމަތް ދިނުމަށް ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް ދިނުމަށް ނަމިރާ އަގާސް ހޭލީސްކިޔާ ކޮންސޯޓިއަމެއް މެދުވެރިކޮށް އެ މަސައްކަތް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޢަމަލުތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ރިޔާސީ ކޮމިޝަނުގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

"މި މައްސަލަތައް ތަހްގީގުކޮށް ނިމެމުންދާ މިންވަރަކުން ހާމަ ކުރަންޖެހޭ މިންވަރެއް ރައްޔިތުންނާ ހިއްސާކުރާނެ ކަމަށާއި ތަހުގީގު ނިމުމުން ކޮމިޝަނަށް ގާނޫނީ ގޮތުން ލާޒިމް ކުރާ ފިޔަވަޅުތައް އަޅާނޭ ކަމުގައި ދަންނަނަވަމެވެ." ރިޔާސީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.