14 Jun 2015, 12:20
ކީރިތި ޤުރުއާން ކިޔެވުމުގެ 30 ވަނަ ޤައުމީ މުބާރާތް ނިންމައި ނަތީޖާ ފާޅުކޮށްފި އެވެ.
ދަރުބާރުގޭގައި ރޭ އޮތް ރަސްމިއްޔާތުގައި އެ މުބާރާތުގެ ނަތީޖާ ފާޅުކުރި އިރު ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ދާރުލް ޤުރުއާން ކްލާސް -3 އެވެ. އަދި ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ރ. އަތޮޅެވެ. މިފަހަރުގެ މުބާރާތުގައި އިންސާފުކޮށްފައި ވަނީ ސްކޫލްތަކާއި ޤްރުއާން ކްލާސްތައް އެއްކޮށް، އެއީ މުއައްސަސާތަކުގެ ބައި ކަމުގައި ބަލައިގެންނެވެ.
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ މުޙްޔިއްދީން ސްކޫލުގެ ޒޫޝާން ޖަވާދުއެވެ. އަދި ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ އާހިލް މުޙައްމަދު ޒާހިރެވެ.
ޤައުމީ ޤުރުއާން މުބާރާތުގައި މިފަހަރު އަލަށް ތައާރަފް ކުރި ބަޔަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބައެވެ. އެބައިން އެއްވަނަ ހޯދީ އިމާދުއްދީން ސްކޫލުގެ ވަސްމީ ވަހީދެވެ. އެބައިގައި ބައިވެރިވީ 20 ކުދިންނެވެ.
މުބާރާތުގެ އެކިއެކި ބައިތަކުން އެއްވަނައަށް އައި ދަރިވަރުންނަށް އިނާމުތައް ބައްސަވައި ދެއްވީ ޝަރަފުވެރިމެހުމާން ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދެވެ.
ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބައިވެރިވަޑައިގެންނެވިއެވެ.
ރޭގެ ރަސްމިއްޔާތުގައި އަލަށް ޤުރުއާން ހިތުދަސްކުރި ހާފިޒުންނަށް އިޖާޒަތު ލައިދިނުމާއި ހާފިޒުކަމުގެ ސަނަދު ދިނުން ވެސް އޮތެވެ.