14 Jun 2015, 12:13
ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ބަންދަށްފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފި އެވެ.
ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ނަތީޖާ ދީ ސްކޫލްތައް ބަންދުކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭގެ ފަހުން 10 ދުވަހުގެ ބަންދަކަށް ފަހު ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވެސް މިއަދު ވަނީ ކިޔަވައިދޭން ފަށައިފައެވެ.
މިއަހަރުގެ ރޯދަޔަށް ސުކޫލްތައް ބަންދު ނުކުރަން މިފަހަރު ވަނީ ނިންމާފައެވެ. ދެން ކިޔަވާ ކުދިންނަށް ބަންދެން ލިބޭނީ މިޓާމުގެ މިޓް މިޑްޓާމްގައެވެ. އެއީ އޮގަސްޓު މަހު 30 އިން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ.
މިއަހަރުގެ ފަހު ޓެސްޓް ބާއްވާނީ ނޮވެމްބަރު މަހު 4 އިން 18 އަށެވެ. މިއަހަރުގެ ކިޔެވުން ނިމޭނީ ނޮވެމްބަރު މަހުގެ 24 ގައެވެ.
ފުރަތަމަ ޓާމުގެ ކިޔަވައިދިނުން ނިމިފައިވާއިރު މި ޓާމުގައި ޓީޗަރުންގެ ދެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމް ވަނީ ބާއްވާފައެވެ.
ރާއްޖޭގެ ސްކޫލްތަކުގައި މިހާރު 64،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރާއިރު މިއަހަރު ކިޔަވައި ދިނުން ފަށާފައިވަނީ އާ މަންހަޖާއެކު އެވެ. މި އަހަރު އަލަށް އަމަލުކުރަން ފެށި މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތަށް ބަދަލު ގެނެސް ސްކޫލްތަކުގައި ކިޔަވައިދޭ ތަކެއްޗަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އަދި އާ މަންހަޖާ ގުޅިގެން ހާއްސަ ޓެކްސް ފޮތްތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
ތައުލީމީ ދާއިރާއަށް ބޮޑު ބަދަލުތަކެއް ގެނެސް ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސުކޫލެއްގައި މިއަހަރު ފަށާފައި ވަނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.