ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ ޖަމާލުއްދީންގައި ކިޔަވާ ކުދިންގެ ކްލާސްތައް މަންދު ކޮލެޖް ކުރިން ހިންގި އިމާރާތައް ބަދަލުކުރުމަށް ގައުމީ ޔިނިވާސިޓީން ނިންމައިފި އެވެ.

ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން އެތައް ފަހަރެއްގެ މަތިން ސަރުކާރުން ވަނީ ޔުނިވާސިޓިއަށް އަންގާފައެވެ. ނަމަވެސް ކުދިންގެ ކިޔެވުން ބުރޫއަރާނެ ކަމަށްބުނެ ޔުނިވާސިޓީން އެތަން ހުސްކޮށްފައެއް ނުވެއެވެ. ސަރުކާރުން އެއިމާރާތް ކުރުމަށް ހުސްކުރުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚަކީ މިއަދުއެވެ.

ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އެކެޑެމިކް އެފެއާޒް އަލީ ޝަރީފް މިއަދު "ސަން"އަށް ވިދާޅުވީ ޔުނިވާސިޓީއިން ނިންމާފައިވަނީ ސަރުކާރުން އެންގިގޮތަށް އަމަލު ކުރަންކަމަށެވެ.

"އެކަންތަކުގައި އަޅުގަނޑުމެން ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކާއެކު މަސައްކަތް ކުރަމުން މިގެންދަނީ، އަޅުގަނޑުމެންނަށް ސަރުކާރުން އަންގާފައިވާ ގޮތަށް އެމަސައްކަތް އެބަ ކުރިއަށް ދޭ،" ޝަރީފް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ، ބާ ޖަމާލުއްދީން ހުސްކުރުމުން ކުދިންގެ ކިޔެވުމަށް ބުރޫ އަރައިފާނެތީ މަންދު ކޮލެޖް ކުރިން ހިންގި އިމާރާތުގައި ޔުނިވާސިޓީގެ ކުލާސްތައް ހިންގެވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް ކުލާސްތަކުގެ އިތުރުން ޔުނިވާސިޓީގެ އިދާރީ އެހެނިހެން ކަންކަން ކުރުމަށް އެ އިމާރާތުން ޖާގަ ނުދޭނެ ކަމަށް މުއާޒު ވިދާޅުވި އެވެ.

ބަންދު ދުވަސްތަކަށްފަހު ޔުނިވާސިޓީގެ ކިޔެވުން ފެށޭނީ އަންނަ އާދިއްތަ ދުވަހުއެވެ.