14 Jun 2015, 11:26
ރާއްޖޭގައި ފުޅާދާއިރާގެއްގައި ދަނޑުވެރިކަން ކުރާ ރަށްރަށުގެ ކަރާ ދަނޑުތައް ހަލާކުވަމުން ދަނީ ކަރާދަނޑުތަކަށް ޖެހޭ އާންމު ބައްޔެއްކަމަށްވާ "ޕިކަލްވޯމްސް" ޖެހިގެން ކަމަށް އެގްރިކަލްޗާ މިނިސްޓްރީއިން ބުނެފިއެވެ.
ގއ. ގެމަނަފުއްޓާއި އެއަތޮޅު ނިލަންދޫގެ ކަރާ ދަނޑުތަކަށް ބައްޔެއްޖެހި ކަރާތައް ހަލާކުވެފައިވާއިރު ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުގެ ނައިބު މުހައްމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، ގެމަނަފުށީ ކަރާ ދަނޑުތަކަށް ދިމާވި މައްސަލަ މިހާރު އެނގިފައިވާ ކަމަށާއި އެއީ ކަރަޔަށް ޖެހޭ އާންމު ބައްޔެއް ކަމަށެވެ. ގއ. ނިލަންދޫގެ ދަނޑުތަކަށްވެސް ޖެހިފައިވަނީ އެބަލިކަމަށް ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެއީ އެންމެ އާންމުކޮށް ކަރާގައި އުޅޭފަނި ބަލި. އެފަނި އެއުޅެނީ. ދެން އޭގެ އައުޓް ބުރޭކެއް އަރައިގެން އެއުޅެނީ،" ޝަރީފް ވިދާޅުވިއެވެ.
އެބަލި އިތުރުވެފައި އެވަނީ ހޫނު ގަދަވުމުގެ ސަބަބުންނާއި އަދި ގިނައިން ކަރާ ހެއްދުމުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެބަލި ނައްތާލުމަށް ބޭހެއް ބޭނުން ކުރަންޖެހޭއިރު އެމިނިސްޓުރީއިން ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ގެމަނަފުށީ ކަރާދަނޑުތަކަށް ޖެހިފައިވާ ބަލި ކޮންޓްރޯލްކުރުމަށް އެތައް ބާވަތެއްގެ ބޭސް ވަނީ ބޭނުންކޮށްފައެވެ. ނަމަވެސް އެ ބަލި ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
އެބަލި ކަރަޔަށް ޖެހުމުން ކަރާގެ އެތެރެ ފީވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ށ. ފީވަކުން ވަނީ ފުރުޓްފްލައި ނަމަކަށް ކިޔާ، ދަނޑުވެރިކަމަށް ގެއްލުންތަކެއްދޭ ސޫތްޕެއް ފެނިފައެވެ. އެސޫފީގެ ސަބަބުން އެގޮތަށް މޭވާތައް ހަލާކުވެއެވެ. ޝަރީފް ވިދާޅުވީ ގެމަނަފުށިން ފެނިފައިއެވަނީ ފުރުޓްފުލައި ނޫން ކަމަށެވެ.
ގެމަނަފުށީ ކަރާދަނޑުތައް މަރުވެފައިވާއިރު ނިލަންދޫގައި ހައްދާފައިހުރި 800 އެއްހާ ޓަނުގެ ކަރަލުގައި ޒާތެއްގެ ބައްޔެއްޖެހިގެން ހުރިހާ ކަރާތަކެއް ވަނީ ހަލާކުވެފައެވެ.
ރޯދަމަސް ކައިރިވެފައިވާއިރު ރާއްޖޭގެ ދަނޑުވެރިކަމަށް މިފަހަރު ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. މޫސުން ގޯސްވެ ދަނޑުތަކަށް ގެއްލުންވެފައިވާ ރަށްރަށުގެ ތެރޭގައި ގދ. ފިޔޯރީ ހިމެނެ އެވެ. އޭގެ އިތުރުން އއ. ތޮއްޑޫ އާއި ލ. އަތޮޅުގެ ދަނޑުވެރިކަން ކޮށްއުޅޭ ބައެއް ރަށްރަށާއި ގދ. ވާދޫ ހިމެނެއެވެ.