މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިން މައްސަލައެއްގައި ގއ. ދާންދޫ ކައުންސިލްގެ ފަސް މެމްބަރެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ ގއ.ދާންދޫ، ކަކާގޭ، ޝުއައިބު އަބްދުﷲ އާއި އެރަށު ބްލޫހެވަން، މުހައްމަދު އާސިފާއި އެރަށު ދަނޑިމާގެ، އިމްރާން ވަހީދާއި އެރަށު ފިނިފެންމާގޭ މިފްރާހު އަލީލު އާއި އެރަށު އާމުލީގޭ ފަދްނާ އާދަމްގެ މައްޗަށެެވެ.

އޭސީސީން ބުނީ އެ ފަސް މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ އެ ރަށު ކައުންސިލް މެމްބަރު މިފްރާހު އަލީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށްޓަކައި ކައުންސިލްގެ އިދާރާއަށް ހާޒިރުވެފައިނުވާއިރު އެ ދުވަސްތަކަށް އޭނާއަށް މުސާރަ ދިނުމަށް ކައުންސިލްގައި ހިމެނޭ ފަސް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާތީ ކަމަށެވެ.

ކައުންސިލްގެ އެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ކަމަށާއި އެކަމަކީ މިފްރާހު އަށް ފައިދާއެއް ހޯދައިދިނުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.

ކައުންސިލްތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެގޮތުން ކައުންސިލަރުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކާއި ގަޑިޖެހޭ ދުވަސްތަކަށް މުސާރައިން ކަނޑަންޖެހޭނެ ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ.

މަޖިލިސްގެ އެ ނިންމުމާ އެއްގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ގަވާއިދެއް އެކުލަވާލާފައިވާ ކަމަށާއި ނަމަވެސް އެރަށު ކައުންސިލުގެ އާންމު ޖަލްސާއަކުން އެ ގަވާއިދަށް އަމަލު ނުކުރަން ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި އެ ގަވާއިދުގެ ނޫނުގައި ބުނެފައިވާ އަދަދަށްވުރެ އިތުރަށް އެރަށު ކައުންސިލް މެމްބަރުން ޗުއްޓީ ނަގައިފައިވާކަންވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.