14 Jun 2015, 10:26
ދަހޭގް (ޖޫން 14): ސޫދާނުގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރު ދެކުނު އެފްރިކާއަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ޙަވާލުކުރުމަށް އެކޯޓުން ދެކުނު އެފްރިކާގެ ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫދާނުގެ ރައީސް ބަޝީރަކީ ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތުގައި ޝަރީއަތް ހިންގުމަށް އެ ކޯޓަށް ބޭނުންވެފައިވާ ބޭފުޅެއް ކަމަށާއި އޭނާ ދެކުނު އެފްރިކާއަށް ވަޑައިގެންފިނަމަ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ޙަވާލުކުރުމަށް އެދޭކަމުގައެވެ.
މި ބަޔާން ނެރުނުއިރު ބަޝީރު ދެކުނު އެފްރިކާއަށް ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ރޭގެވަގުތެއްގައި ބަޝީރު ދެކުނު އެފްރިކާގެ ޖޮހަނަސްބާގް އަށް ވަޑައިގެންފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ބަޝީރު ޖޮހަނަސްބާގް އަށް ވަޑައިގެންފައިމިވަނީ އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކާގެ އިއްތިޙާދުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިސަމިޓް ފެށޭނީ މިއަދު ހެނދުނުއެވެ.
ދެކުނު އެފްރިކާއާއި ސޫދާން އަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓް އުފެއްދުމުގެ މުއާހަދާކަމަށްވާ ރޯމް ކޮންވެންޝަންގައި ސޮއިކޮށްފައިވާ ދެގައުމެވެ. މިމުއާހަދާގައި 132 ގައުމުން ސޮއިކޮށްފައިވެއެވެ. ބަޝީރުގެ މައްޗަށް ކުރެވިފައިވަނީ ސޫދާންގެ ދާރުފޫރުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ އެ ސަރަހައްދުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތެވެ. މިތުހުމަތު ތަކަށް އޭނާ އިންކާރު ކުރައްވައެވެ. މިމައްސަލާގައި ބަޝީރު ހައްޔަރު ކުރުމުގެ އަމުރު 2009 ގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވީނަމަވެސް އެކަމަށް އެއްވެސް ގައުމަކުން އިޖާބަ ދީފައެއް ނުވެއެވެ. މިއަމުރަށްފަހު އެތަށް ގައުމަކަށް ބަޝީރު ވަޑައިގެންފައިވެއެވެ. ނަމަވެސް ޔޫރަޕްގެ އެއްވެސް ގައުމަކަށް ބަޝީރު ވަޑައިގެންފައެއްނުވެއެވެ.
ހަނގުރާމައިގެ ޖަރީމާފަދަ މައްސަލަތަކުގެ ތުހުމަތު ބޮޑެތި އަދި ބާރުހުރި ގައުމުތަކުގެ ލީޑަރުންގެ މައްޗަށް ނުކޮށް ކުދި އަދި ނިކަމެތި ގައުމުތަކުގެ ލީޑަރުންގެ މައްޗަށް ކުރާކަމުގެ ތުހުމަތު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މައްޗަށްވެސް ކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން އެ ކޯޓުގެ އިތުބާރު ގެއްލޭގޮތްވެ ގިނަ ގައުމުތަކުގެ އެއްބާރުލުން އެ ކޯޓަށް ލިބެމުން ނުދާކަން ފާހަގަ ކުރެވިފައިވެއެވެ.
ބަޝީރުގެ މައްސަލައިގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ އަމުރަށް ދެކުނު އެފްރިކާގެ ސަރުކާރުން އިޖާބަ ދޭނެކަމަށް ނުބެލެވޭކަމަށް މުރާސިލުން ބުނެއެވެ. (ބީބީސީ)