02 Mar 2011, 13:42
ހުޅުމާލޭ ވަގުތީ ހިޔާތަކުގައި ތިބި މީހުން އެތަނުން ނެރެވެންދެން ނުވަތަ އެމީހުން އަމިއްލަ އަށް އެތަނުން ނިކުންނަންދެން ސާފު ބޯފެން ގަންނަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރ. ކަނދޮޅުދޫ އަލިތަރިއާގޭ ހަސަން ނަސީރާއި އެ ރަށު ބޮކަރުމާގޭ، އަބްދުއްލަތީފް މޫސާ އާއި ތ. މަޑިފުށީ، ކަރަންކާގޭ، އަލީ ރަޝީދު، ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގައި ހުކުމް އިއްވަމުން ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރު ވިދާޅުވީ، އެމީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ވަނީ ސުނާމީގައި ހާލުގައި ޖެހިގެން ކަމަށާއި އެތަނުން އެމީހުން ނުކުތުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭ ވަގުތީ ހިޔާތަކަށް ދައުވާ ކުރާ ފަރާތްތައް ބަދަލު ކުރި ކުރުން ނިމުމަކަށް އައިސް އެމީހުންނަށް ދައުލަތުން ފޯރުކޮށްދެމުން އައި ހާއްސަ ހާލަތު ނިމުމަކަށް ގެނެވުނީ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ދައުވާ ކުރާ ފަރާތްތަކުން އެދޭ ގޮތަށް ދައުލަތުގެ ހަރަދުގައި ހިލޭ ބޯފެން ދިނުމަށް ލާޒިމު ނުކުރާ ކަމަށާއި ނަމަވެސް ފެން ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.
"...ދައުވާ ކުރާ ފަރާތުގެ އެދުމާ އެއްގޮތަށް އަސާސީ ހައްގެއްގެ ގޮތުގައި ދައުލަތުގެ ހަރަދުގައި ހުޅުމާލޭ ވަގުތީ ހިޔާތަކަށް ބޯފެން ދިނުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފިން،" އިސް ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ހ.ގެ ދަށުން ސާފު ބޯފެން ފުދޭ މިންވަރަކަށް ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ހުޅުމާލޭ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ފަރާތްތަށް އެތަނުން ނެރެވެންދެން ނުވަތަ އެމީހުން އަމިއްލައަށް އެތަނުން ނިކުނަންދެން އެމީހުން ބޭނުން ކުރާ ފެނަށް އަމިއްލަށް ފައިސާ ދައްކާ ގޮތަށް ބޯފެން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށް ކަނޑައެޅުއްވީ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
"ހުޅުމާލޭ ވަގުތީ ހިޔާތަކުގައި މި ވަގުތު ދިރިއުޅެމުންދާ ފަރާތްތައް ވަގުތީ ހިޔާތަކުން ނެރެވެންދެން ނުވަތަ އެފަރާތްތައް ވަގުތީ ހިޔާތަކުން ނިކުންނަންދެން ހުޅުމާލޭ ވަގުތީ ހިޔާތަކުގައި ތިބި މި ދައުވާ ކުރާ ފަރާތްތަކުން ބޭނުން ކުރާ ފެނަށް އެމީހުން އަމިއްލައަށް ހަރަދު ކުރާ ގޮތަށް ބޯފެން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައި ހުކުމްކޮށްފިން،" އިސް ގާޒީ ވިދާޅުވި އެވެ.
މި މައްސަލައިގައި ޝަރީއަތަށް ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން އިސް ގާޒީ ވިދާޅުވީ ހުޅުމާލޭ ވަގުތީ ހިޔާތަކަށް ބަދަލު ކުރި ފަރާތްތައް ނުކުތުމަށް ޑިސާސްޓާ މެނޭޖްމަންޓު ސެންޓަރުން ނޮވެމްބަރު 9، 2009 ގައި އަންގާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަގުތީ ހިޔާތަކުގައި ތިބި މީހުން އެމީހުންގެ ރަށަށް ބަދަލުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށާއި ނަމަވެސް އެއަށް ފަހު ވަގުތީ ހިޔާތަކުން ދެމުން އައި ކަރަންޓާއި ފެނުމުގެ ހިދުމަތް ކަނޑާލާނެ ކަމުގެ ނޯޓިސްއެއް ދީފައިވާކަން އެނގެން އޮންނަ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތައް އެތަނުން ނުކުތުމަށް އެކަށީގެންވާ ފުރުސަތެއް ދައުލަތުން ދީފައިވާ ކަމަށެވެ. އަދި ދައުވާ ކުރާ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ދައުލަތުން ފޯރުކޮށްދީފައިވާ ކަމަށް ބުނާއިރު ދައުލަތުގެ އެ ހުށަހެޅުން ގަބޫލު ނުކުރެވޭ ނަމަ މި މައްސަލަ ޝަރީއަތަށް ހުށަހެޅި ފަދައިން އެ މައްސަލަ ވެސް ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ.
ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތައް މިހާރުގެ ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރަން މަސައްކަތް ކުރުމަކީ ހަމައެކަނި ދައުލަތުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި ފަރުދީ ގޮތުން ހާލުގައި ޖެހުނު ފަރާތްތަކުން ވެސް އެ މަސައްކަތް ކުރަންޖެހޭނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އަދި ދައުވާ ކުރާ ފަރާތްތަކަކީ ހާއްސަ ހާލަތެއް މެދުވެރިވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ކަމަށާއި އެފަރާތްތައް ދާއިމީ ހިޔާވަހި ކަމަށް ބަދަލުވުމަށް ސަރުކާރުން އެންގުމުން އެ ހާލަތު ނިމުނީ ކަމަށް ބަލަންޖެހޭ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
"...މި ހާއްސަލަ ހާލަތު ނިމުނުކަން ދައުލަތުން އެންގުމަށް ފަހު އެ ފަރާތްތަކާމެދު މުޖްތަމައުގެ އެހެން ފަރުދުންނާއި ހިލާފް ގޮތަކަށް ކަން ކުރުން ދައުލަތުގެ މައްޗަށް ލާޒިމް ނޫންކަން އެނގޭ،" އިސް ގާޒީ ވިދާޅުވި އެވެ.