14 Jun 2015, 01:40
ޔޫރޯ 2016ގެ ކޮލިފައިންގެ ގްރޫޕް 'އައި" ގައި ހޮނިހިރު ދުވަހުގެ ރޭ އާމީނިއާއާއި ޕޯޗްގަލް ބައްދަލުކުރި، ނޭވާ ހިފަހައްޓައިލާން ޖެހޭފަދަ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަމެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު 2-3 އިން ޕޯޗްގަލް މޮޅުވެއްޖެ އެވެ.
މިއީ ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗްގީޒްގެ އުމުރުން 30 އަހަރުގެ ސްޕަސްޓާ ޖެހިޖެހިގެން ކާމިޔާބުކުރި ތިން ވަނަ ހެޓްރިކެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އޭނާ ދަމަހައްޓަމުން އަންނަ ލަނޑުގެ ރެކޯޑް މިހާރު ވަނީ 26 އަށް އަރައިފައެވެ.
އާމީނިއާގެ ވެރިރަށް ޔެރެވަންގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީވެސް އާމީނިއާއެވެ. މެޗުގެ 14 ވަނަ މިނިޓްގައި އެޓީމަށް މެޗުގެ ކުރިހޯދައިދިނީ ކަޒްކްސްތާންގެ އެފްސީ އަކްޓޯބާގެ މިޑްފީލްޑަރު މާކޯސް ޕިޒޭލީއެވެ. ފޯޗްގަލްއަށް ޝޮކެއް ގެނުވި އެ ލަނޑު ޕިޒޭލީ ކާމިޔާބުކުރީ، 35 ޔާޑު ދުރުން ފޮނުވާލި ބާރު ހިލޭ ޖެހުމަކުންނެވެ.
އެހެން ނަމަވެސް ޕޯޗްގަލް ކެޕްޓަން ސީއާރު7 ވަނީ، ފުރަތަމަ ހާފްގެ 29 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ވަރަށް ހިތްގައިމުކޮށް ގޯލްތެރެއަށް ފޮނުވާލައިގެން އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ޕޯޗްގީޒުންނަށް ޕެނަލްޓީ ލިބުނީ، މޮނާކޯއަށް ކުޅޭ އެޓީމުގެ މިޑްފީލްޑަރު ޔޮއާއޯ މޯޓީނޯއަށް އާމީނިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ހެންރިޚް މިތަރްޔާން ފައުލުކުރުމާ ގުޅިގެންނެވެ.
ދެވަނަ ހާފް ފެށިގެން މެޗުގެ 54 ވަނަ މިނިޓްގައި ދެވަނަ ލަނޑު ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ ޕޯޗްގަލްއަށް މެޗުގެ ކުރިހޯދައިދީފައެވެ. ބުރޫނޯ އަލްވޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑު ޖެހުމަށްފަހު އޭގެ ތިން މިނިޓް ފަހުން ރޫއީ ޕެޓްރިޝިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި 25 ޔާޑު ދުރުން ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދައި، އެޓީމަށް މެޗުގެ ނަތީޖާ ފުޅާކޮށްދީފައެވެ.
މިއީ ރޮނާލްޑޯ މި ސީޒަންގައި ކާމިޔާބުކުރި ނުވަ ވަނަ ހެޓްރިކެވެ. އެގޮތުން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ދެމެޗުގައި، ގެޓަފޭއާއި އެސްޕަންޔޯލާ ދެކޮޅަށް އޭނާ ވަނީ ހެޓްރިކް ހަދައިފައެވެ.
މި ސީޒަންގައި ރޮނާލްޑޯ ވަނީ، ކްލަބަށާއި ގައުމީޓީމަށް މުޅި ޖުމުލަ 66 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ސީއާރު7: މި ސީޒަންގައި އޭނާ ވަނީ ޖުމުލަ 9 ހެޓްރިކް ހަދާފައި. މި ސީޒަންގައި ގައުމީ ޓީމަށާއި ރެއާލް މެޑްރިޑަށް ޖުމުލަ 66 ލަނޑު ކާމިޔާބުކޮށްދީފައިވޭ -- ފޮޓޯ: ބީބީސީ
މި ސީޒަންގައި ރޮނާލްޑޯގެ ހެޓްރިކްތައް:
- ސެޕްޓެމްބަރު 20ގައި ޑިޕޯޓިވޯ ކޮޅަށް 3 ލަނޑު.
- ސެޕްޓެމްބަރު 23ގައި އެލްޗޭ ކޮޅަށް 4 ލަނޑު.
- އޮކްޓޫބަރު 5ގައި އެތުލެޓިކް ބިލްބާއޯ ކޮޅަށް 3 ލަނޑު.
- ޑިސެމްބަރު 6ގައި ސެލްޓަވިގޯ ކޮޅަށް 3 ލަނޑު.
- ޑިސެމްބަރު 17ގައި އެސްޕަންޔޯލް ކޮޅަށް 3 ލަނޑު.
- އޭޕްރީލް 5ގައި ގްރަނޭޑާ ކޮޅަށް 5 ލަނޑު.
- މެއި 2 ގައި ސެވިއްޔާ ކޮޅަށް 3 ލަނޑު.
- މެއި 23ގައި ގެޓަފޭ ކޮޅަށް 3 ލަނޑު.
- ޖޫން 13ގައި އާމީނިއާ ކޮޅަށް 3 ލަނޑު.
މައުލޫމާތު: ބީބީސީ ސްޕޯޓްސް
--------------------------------
މެޗުގެ 61 ވަނަ މިނިޓްގައި ދެވަނަ ރީނދޫކާޑަކާއެކު ޕޯޗްގަލްގެ ތިއާގޯއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވައިލުމާއެކު އޭގެ ފައިދާ ނަގައި އާމީނިއާއަށް 71 ވަނަ މިނިޓްގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ އެޓީމުގެ ޑިފެންޑަރު ރޭ މިކޮޔަން އެވެ.
މި މޮޅާއެކު ޕޯޗްގަލް ވަނީ، 12 ޕޮއިންޓާއެކު އެޓީމު ހިމެނޭ ގްރޫގެ 'އައި'ގެ އެއްވަނައިގައެވެ. ގްރޫޕްގެ ދެވަނައިގައި 7 ޕޮއިންޓާއެކު އޮތީ ޑެންމާކެވެ. ޕޮއިންޓުގެ ގޮތުން ޑެންމާކާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ގްރޫޕްގެ ތިންވަނައިގައި އޮތީ އަލްބޭނިއާއެވެ. ސާބިއާއަށް އެއްޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނަ ލިބޭއިރު، މިމެޗުން ބަލިވި އާމީނިއާ އޮތީ ޕޮއިންޓަކާއެކު ލަނޑުގެ ތަފާތުން ގްރޫޕުގެ ފުލުގައެވެ.