14 Jun 2015, 01:17
ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ފުޓްސަލް ދަނޑު އެޅުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ތ. ތިމަރަފުށީގައި އެޅި ފުޓްސަލް ދަނޑު މިރޭ ހުޅުވައިފި އެވެ.
އެމްޓީސީސީން ތިމަރަފުށީގައި އިމާރާތް ކުރި ފުޓްސަލްދަނޑު އެ ކުންފުނީގެ ފަރާތުން މިރޭ ވަނީ ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. ތިމަރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑުގެ ރަމްޒީ ދަނޑުދަނޑި ހަވާލުކޮށްފައި ވަނީ ޔޫތު މިނިސްޓަރު އަހްމަދު ޒުހުރެވެ.
ފުޓްސަލްދަނޑު ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އެ ރަށުގެ ތަރައްގީ "ހަ ގުނަ" ކުރާނެ ކަމަށެވެ. އަދި އެ ރަށު ހިއްކާފައިވާ ބިމުގައި އިގްތިސާދީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

ތިމަރަފުށީ ފުޓްސަލް ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---
ފުޓްސަލްދަނޑު ހުޅުވި ރަސްމިއްޔާތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ތިމަރުފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްޠަފާ އާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ޔޫތު މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިއީ "ޔުނިޓީ ތްރޫ ފުޓްސަލް" މަޝްރޫއުގެ ތެރެއިން މާލެއިން ބޭރުގައި އެޅި 19 ވަނަ ފުޓްސަލް ދަނޑެވެ. މާދަމާ ރޭ ތ. ވިލިފުށީގައި ވެސް ފުޓްސަލް ދަނޑެއް ހުޅުވާނެ އެވެ.