ކޮލަމްބިއާގެ ފޯވާޑް ރަޑެމަލް ފަލްކާއޯއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުން ސަލާމަތްކޮށް އޭނާގެ އަސްލު ފޯމަށް އަނބުރާ ގެނައުމަށް އެހީތެރިވާން ބޭނުންވާ ކަމަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ލޯނު އެެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އުމުރުން 29 އަހަރުގެ ފޯވާޑް އެނބުރި އޭނާގެ ކްލަބް ފްރާންސްގެ މޮނާކޯއަށް ދިޔައިރު އޭނާ ޔުނައިޓެޑަށް ކުޅުނު 29 މެޗުން ކާމިޔާބު ކުރެވިފައި ވަނީ އެންމެ ހަތަރު ލަނޑެވެ. އެކަމުގެ ސަބަބުން ފަލްކާއޯއަށް ވަނީ ގިނަބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

"ފަލްކާއޯ އޭނާގެ އަސްލު ލެވެލަށް އަނބުރާ ގެނެސްދިނުމަށް އަހަންނަަށް އެހީތެރިވެދެވެން އޮތްނަމަ އަހަރެން މި ހިރީ އެކަމަށް ތައްޔާރަށް،" ނިމިދިޔަ ސީޒަންގެ ޕްރިމިއަ ލީގު ޗެލްސީއަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން ދަނީ ފަލްކާއޯއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ނަމަވެސް އެ ކްލަބަށް ފަލްކާއޯ ގެންނާނީ އޭނާއަށް މިހާރު ހަފްތާއެއްގެ މައްޗަށް ޖެހޭ 265,000 ޕައުންޑުގެ ފީ ކުޑަކުރާ ނަމަ އެވެ.

"މެންޗެސްޓާ ޔުނައިޓެޑްގައި ފެނިގެން ދިޔައީ ފަލްކާއޯގެ އަސްލު ފެންވަރޭ، އިންގްލެންޑް މީހުން ހީކޮށްފާނެތީ، ވަރަށް ބޮޑަށް ދެރަވޭ،" ޑައިރެކްޓް ޓީވީ ސްޕޯޓްސްއާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

ޗެލްސީއަށް މި ސީޒަންގެ ޕްރިމިއަ ލީގް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ޓީމުގެ ވެޓަރަން ފޯވާޑް އައިވަރީ ކޯސްޓްގެ ޑިޑިއާ ޑްރޮގްބާ ވަނީ ސީޒަން ނިމުމާއެކު ފްރީ ޓްރާންސްފާއެއްގައި ކްލަބާ އަނެއްކާވެސް ވަކިވެފަ އެވެ.