ވޯލްޑް ކަޕް ކޮލިފައިންގައި ގުރޫޕް ސީ ގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ހޮންކޮންގާ ދެކޮޅަށް ކުޅެން ގައުމީ ޓީމް ފުރައިފި އެވެ.

ހޮންކޮންގާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ހޮންކޮންގްގެ މޮނގްކޮކް ސްޓޭޑިއަމްގަ އެވެ.

މިރޭ ގައުމީ ޓީމު ފުރިއިރު އެން ނަންބަރު ފާލަމުން ގައުމީ ޓީމަށް އަލްވަދާއު ވިދާޅުވީ އެފްއޭއެމްގެ ނޯމަލައިޒޭޗަން ކޮމިޓީގެ މެންބަރުންނާއި ކުލަބުތަކުގެ އޮފިޝަލުންނާއި ބައެއް ކޯޗުންނެވެ.

ހޮންކޮންގަށް ދިއުމަށްޓަކާ ގައުމީ ޓީމު މާލެއިން ފުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއާ ދެކޮޅަށް ހޮންކޮންގު ވެސް ކުޅޭ މެޗަކީ އެ ޓީމް ކޮލިފައިންގައި ކުޅޭ ދެ ވަނަ މެޗެވެ.

އެ ޓީމް ކުޅުނު ފުރަތަމަ މެޗްގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ ފުރަތަމަ މެޗުގައި ގަތަރު އަތުން 1-0 ގެ ނަތިޖާއަކުން ބަލިވިއިރު އެ މެޗްގައި ގަތަރުން ލަނޑު ޖާހަފައި ވަނީ އިތުރު ވަގުތުގެ ގޮތުގައި ބަދަލު ރެފްރީ ދެއްކި އަށް މިނެޓްގެ ކުޅުން ހަމަވެ ނުވަ ވަނަ މިނެޓްގެ އެންމެ ފަހު ސިކުންތު ކޮޅު ތެރޭގަ އެވެ.