13 Jun 2015, 23:26
މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްތަކަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ތ. ކަނިމީދޫ ދައުލަތަށް ނަގައި، އެ ރަށުގައި ރިސޯޓެއް ހަދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަބީދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.
ތ. ތިމަރަފުށީގައި ފުޓްސަލްދަނޑު ހުޅުވުމަށް އެ ރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ "މި ފަސް އަހަރު ނިމިގެންދާއިރު، ކަނިމީދޫގައި ރިސޯޓެއް ހުޅުވާނެ،" ކަމަށެވެ. އިގްތިސާދީ މަސައްކަތް ކުރުމަށް 2003 ވަނަ އަހަރު ދިގު މުއްދަތަކަށް ދޫކޮށްފައިވާ އެ ރަށް ޓޫރިޒަމް މިނިސްޓްރީއަށް ނަގާފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ރަށް ދައުލަތަށް ނަގާފައި ވަނީ އެ ރަށް ހިންގި ފަރާތަށް ބަދަލުދޭ ގޮތަށް ކަމަށެވެ.
"އާދެ އެ ރަށް [ކަނިމީދޫ] ވާނީ އެ ބޭފުޅާއަށް ބަދަލުދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނެސްފައި. އިރާދަ ކުރެއްވިއްޔާ މި ފަސް އަހަރު ނިމިގެންދާއިރު، ކަނިމީދޫ ވާނީ ރިސޯޓެއްގެ ގޮތުގައި ހުޅުވިފައި،" ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާ އަދީބު ވިދާޅުވި އެވެ.
ތިމަރަފުށީ ކައުންސިލްގެ ނައިބު ރައީސް އާދިލް އިބްރާހިމް "ސަން"އަށް މިރޭ ވިދާޅުވީ ކަނިމީދޫއަކީ ތ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ވުރެ ވެސް ބޮޑު ރަށެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށް ދައުލަތުން ދޫކޮށްފައި އޮތީ އަމިއްލަ ކުންފުންޏަކަށް ކަމަށާއި އެ ރަށުގައި ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
އަނިމީދޫއަކީ ބޮޑުމިނުގައި 60.6 ހެކްޓަރު ހުރި ރަށެކެވެ. އެ ރަށަކީ ތ. ތިމަރަފުއްޓާއި އެ އަތޮޅު ވޭމަންޑޫއާ ދެމެދު އޮންނަ ރަށެކެވެ. އެ ރަށަކީ ގިނަ އަދަދަކަށް ވެލާ ކަހަނބު އަރާ ރަށެކެވެ.