13 Jun 2015, 23:44
މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޕީޑީ) އާ އައިމީސީ ޕޭސްޓުރީ ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ޕޭސްޓުރީ ކޯހެއް ނިންމާލައިފި އެވެ.
އެ ކޯހާއި ގުޅޭ ގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން އެމްއޭޕީޑީގެ ޗެއާމަން އަހުމަދު މުހައްމަދު މިރޭ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ކޯހުގެ މައިގަނޑު މަގުސަދަކީ އެފަދަ ކުދިން އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވަން ދަސްކޮށްދިނުން ކަމަށެވެ.

ޕޭސްޓުރީ ކޯސް ފުރިހަމަކުރި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ ބެލެނެވެރިން ފޮޓޯއަކަށް ހުއްޓިލައިގެން: ސަން ފޮޓޯ/ އާދަމް ނަޒީރު
އޭނާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެމްއޭޕީޑީގެ ފަރާތުން ތަފާތު ދާއިރާތަކުން ކޯސްތައް ހިންގަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޖަމިއްޔާއިން އެފަދަ ކޯސްތައް ހިންގި ކަމުގައި ވިއަސް އަމިއްލަ އެހެން ޖަމިއްޔާތަކަށް ވެސް އެ ކޯސްތަކަށް ދައުވަތު ދެވިފައިވާ ކަމަށެވެ.
"މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސިމްޑީއާ ގުޅިގެން މިހާރު މި ވަނީ ފޮޓޯގްރަފީ ކޯހެއް ވެސް ދަސްކޮށްދީފައި. ދެން އަޅުގަނޑުމެން މި ކޯސްތައް ބައްޓަން ކުރުމުގައި އަޅުގަނޑުމެން މިބަލަނީ ކުއްޖާއާ ބެލެނެވެރިންނަށް އެއްކޮށްގެން ހިންގޭ ގޮތަށް. އަޅުގަނޑުމެން އެހެންވެ ލިމިޓެޑު އަދަދެއް ކުދިންގެ މި ނަގަނީ. އަޅުގަނޑުމެންގެ މަގުސަދަކީ އެފަދަ ކަމެއް ބެލެނެވެރިޔާ އަށާއި ކުއްޖާ އަށް ދަސްކޮށްދިނުން،" އަހުމަދު ވިދާޅުވި އެވެ.
މި ކޯހުގައި 15 ކުދިންނާ އެކުދިންގެ ބެލެނެވެރިންނާއެކު ޖުމުލަ 30 ފަރާތެއް ބައިވެރިވި އެވެ.