"މިއުޅެނީ ބީ ޕޮޒިޓިވް ލޭ ބޭނުންވެގެން. ވަރަށް ބޮޑަށް އިމަޖެންސީ ވެގެން. އަންހެނުން ވިހަން ވައްދާފައޮތީ. 12 ޖެހުމުގެ ކުރިން އެބަޖެހޭ ކްރޮސްމެޗް ހަދަން،" ވަރަށް ބޮޑަށް ހާސްވެހުރެ ރައްޓެއްސަކު ގުޅާފައި އެއްނޭވާއިން އަމުނާލި އެވެ. މިއީ އޭނާގެ ވާހަކަ އެކަންޏެއް ނޫނެވެ. މިއީ ވަރަށް އާންމުކޮށް މީހުން ގުޅާ ބޭނުމެކެވެ.

ކޮއްކޮއަކު، ބޭބެއަކު، ދައްތައަކު މާމަ ކާފަ، ދަރިފުޅު، މަންމަ ބައްޕަ ނުވަތަ ކޮންމެވެސް ގާތްމީހަކަށް ވަރަށް އަވަހަށް ލޭ ބޭނުންވެގެންނެވެ. ކަންބޮޑުވެ ހާސްވެގެން ގުޅަނީ ލޭ ނުލިބިގެން އެ ޕޭޝަންޓަށް ލިބިދާނެ ގެއްލުމަކަށް ކަންބޮޑުވާ ހާލުގައެވެ. މިއީ އަދުގެ ވެސް ހާލެވެ.

ނަމަވެސް އެނގޭ ހެއްޔެވެ. މިހާރު މި މުޖުތަމައުގައި ލޭ ހޯދުމަކީ މާ ބުރަ ކަމެއް ނޫނެވެ. ލޭ ހޯދަން މަސައްކަތްކުރެވޭނެ ތަފާތު ވަސީލަތްތަކެއް މިވަނީ ގާއިމް ކުރެވިފައެވެ. އެހެންކަމުން ލޭ ހޯދަން ހާސްވެގެން ތެޅި ފޮޅުމަށްވުރެ އެވަސީލަތްތަކުގެ ބޭނުން ކުރުން ބުއްދިވެރިއެވެ. މިއީ މިއަދު ބައިނަލްއަގުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު އުފާކުރަންޖެހޭ ކަމެކެވެ.

ކީބޯޑުގައި ޓައިޕްކޮށްލައިގެން މިއަދު ލޭ ހޯދާލެވެ އެވެ. އެގޮތުން ފޭސްބުކް ގްރޫޕެއް ކަމަށްވާ"ބުލަޑް ޑޯނާސް މޯލްޑިވްސް"ފަދަ ގްރޫޕެއްގައި ޕޯސްޓެއް ކޮށްލުމުންވެސް ލޭ ހަދިޔާ ކުރާ ފަރާތްތަކުން އެ ފަރާތަކަށް ގުޅައެވެ. ގަޑިއިރެއް ތެރޭގައި ލޭ ލިބޭނެ އިންތިޒާމް ހަމަޖެހެ އެވެ. ލޭ ބޭނުން ކަމަށް ބުނެ ކޮށްލާ ޓުވީޓަކުން ވެސް ލޭ ލިބޭނެ އިންތިޒާމް ހަމަޖެހެ އެވެ. ކައިރި މުސްތަގުބަލެއްގައި ލޭ ހޯދައި ދިނުމަށް އެހީވާ އެޕްލިކޭޝަންތައް ތައާރަފްވާން އޮތީ އެވެ. އޭރުން މިހާރަށްވުރެ އެކަން ފަސޭހަ ވާނެ އެވެ.

ހަމަ އެހެންމެ އިޖްތިމާއީ ޒިންމާގެ ދަށުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް އެންމެ އިސްކަމެއް ދޭ ކަމަކަށް ލޭ ހަދިޔާ ކުރުން މިއަދު ވެފައި ވާތީ ލޭ ހޯދުމަކީ ފަސޭހަ ކަމެކެވެ. ތެލަސީމިއާ ކުދިން ފެށިގެން ސިއްހީ ހާލަތްތަކުގައި ބޭނުންވާ ލޭ ވެސް އެގޮތަށް ލިބެ އެވެ. ހަމައެހެންމެ އެފަދަ ބޮޑެތި ކުންފުނިތަކުގެ ލޭންޑްލައިނަށް ގުޅައި ލޭ ހޯދައި ދިނުމަށް އެދުމުންވެސް އެކަމަށް އެހީތެރިވެދެއެވެ.

ދިފާއީ ބާރު ސިފައިން ވެސް ތިބީ އެ އިންސާނީ ހިދުމަތުގައި އަތުކުރި އޮޅާލައިގެންނެވެ. ސިފައިންގެ އިންފޮމޭޝަން އޮފިޝަރު އަދުނާން ވިދާޅުވީ، ސިފައިންގެ ރަސްމީ ނަމްބަރު 3322607 އަށް ގުޅުމުން ސިފައިންގެ ތެރެއިން ލޭ ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ސިފައިންގޭގައި ލޭ ހަދިޔާ ކުރާ އެތައް ބަޔަކު ހަރަކާތްތެރިވާ ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ.

ސަންޓްރެވަލްގެ މުވައްޒަފުން ލޭ ހަދިޔާ ކުރަނީ-- ސަން ފައިލް ފޮޓޯ

ފުލުހުން ވެސް ތިބީ ހަމަ އެކަމަށް އަތުކުރި އޮޅާލައިގެންނެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ، ފުލުހުންގެ ހިލޭ ގުޅޭ ނަމްބަރު 119 އަށް ގުޅުމުން ލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުގެ މަތިން އެ ބޭނުންވާ ލެޔެއް ހޯދައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ފުުލުހުންގެ މައުލޫމާތު ވެސް ހުންނާނެ ލޭ ގްރޫޕާއި އެކު ސިސްޓަމްގައި. ދެން އާމުންގެ ފަރާތަަކުން ގުޅުމުން އެވަގުތަކު އެ ލެޔެއް ދެވެން އޮތިއްޔާ ދެމުން ދަނީ. މިހާތަނަށް އެގޮތަށް އަމަލުކުރަމުން ދަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އާންމުކޮށް ލޭ އަޅަން ޖެހޭ ބަޔަކީ ތެލެސީމިއާ ކުދިންނެވެ. އެކި އުމުރުގައި އެކި މިންވަރަށް އެ ކުދިންގެ ގަޔަށް ލޭ އަޅަންޖެހެ އެވެ. ކުރީގެ ތަފާސް ހިސާބްތަކަށް ބަލާއިރު ރާއްޖޭގައި ލޭ އަޅާ 450 އަށް ވުރެ ގިނަ މީހުން ތިއްބެވެ. ލޭ އަޅާ ކުދިންގެ ތެރެއިން ރާއްޖޭގައި އެންމެ ދޮށީ އުމުރަކީ 36 އަހަރެވެ. މީގެ ޒަމާންތަކެއް ކުރިން އެކުދިންނަށް ލޭ ހޯދުމަކީ ބެލެނިވެރިންގެ ބޮޑު ވޭނެކެވެ. ނަމަވެސް މިހާރު އެކަން ވަނީ ބަދަލުވެފަ އެވެ.

"އަހަރެން އަޅަނީ އޯ ޕޮޒިޓިވް ލޭ. ކުރިން ވަރަށް އުނދަގޫ ލޭ ހޯދަން. އެކަމަކު މިހާރު ފަސޭހަ. ގިނަ ފަހަރަށް މަ ނުޖެހޭ މީހަކު ހޯދާކަށްވެސް. އެތަނުގެ ބްލަޑް ބޭންކުން ލޭ ލިބޭ،" ތެލަސީމިއާ ޒުވާނެއް ކަމަށްވާ އަހުމަދު ޝާމިން ބުންޏެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވި ގޮތުގައި ލޭ ނުލިބިގެން މިހާރު އެއްގޮތަކަށް ވެސް އުޅެން ނުޖެހެ އެވެ. ރޭވުންތެރިކަމާއެކު ދައްޗެއް ނުވާ ގޮތަށް ލޭ ހަދިޔާ ކުރުމާއި ލޭ އެޅުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޭ ލިބުމުގައި އަޅުގަނޑުމެންނަކަށް ދައްޗެއް ކުރިމައްޗެއް ނުވޭ. އަޅުގަނޑުމެން ބޭނުންވާ ވަރަށް ލޭ ހަދިޔާ ކުރާ މީހުން ލިބޭ. ދެން ތެލަސީމިއާ ކުދިންގެ ކޮންމެ ބެލެނިވެރިޔަކު ވެސް ގެންގުޅޭނެ ޑޯނާސް. އަޅުގަނޑުމެންނަށް އެނގޭނެ ކުއްޖާ އަންނާނީ ކޮން ދުވަހެއްގަކަން. ތެލަސީމިއާ ސެންޓަރުގައި އަޅުގަނޑުމެން މިއޮންނަނީ ރޫޓިން ކަންތައްތަކެއް،" ތެލަސީމިއާ ސެންޓަރުގެ ބެލެނިވެރި ފަރާތްތަކަމަށްވާ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ރަމީލާ ވިދާޅުވި އެވެ.

ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ހާއްސަ ރަޖިސްޓާއެއް ގެންގުޅޭއިރު އެ ރަޖިސްޓާގައި ގިނަ ބަޔަކު ނަން ނޯޓްކޮށްފައިވާ ކަމަށާއި އެފަރާތްތަކަށް ގުޅުމުން ފަސޭހަ ކަމާއެކު ލޭ ލިބެމުންދާ ކަމަށް ވެސް ޑރ. ރަމީލާ ވިދާޅުވި އެވެ.

ނަމަވެސް ބައެއް ފަހަރު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެއެވެ. އާންމުކޮށް ހޯދަން ޖެހެނީ ނެގަޓިވް ގްރޫޕުތަކުގެ ލެ އެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ނެގަޓިވް ގްރޫޕުގެ ލޭ ވަރަށް މަދެ އެވެ. އެހެން ވުމުން އެ ގުރޫޕުތަކުގެ ލޭ ހޯދަން ދައްޗެވެ. ރާއްޖޭގައި ގިނައީ ޕޮޒިޓިވް ގުރޫޕުތަކުގެ ލެ އެވެ. ހާއްސަކޮށް "0 ޕޮޒިޓިވް" ގްރޫޕުގެ ލޭ ލިބުން ފަސޭހަ އެވެ.

ލޭ ހޯދުމަކީ ފަސޭހަކަމެއްގެ ގޮތުގައި ކަމާގުޅޭ ދާއިރާތަކުން ބުނި ނަމަވެސް މަހަކު ދެފަހަރު ނުވަތަ ތިންފަހަރު ލޭ ހޯދަން ޖެހޭ ބައެއް މީހުން ބުނާ ގޮތުގައި މިއަދުވެސް ލޭ ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. ހާއްސަކޮށް ދިވެހިންގެ ގައިގައި މަދުން ހުންނަ ގުރޫޕުތަކުގެ ލޭ ހޯދަން ދަތިވާ ކަމަށްވެއެވެ.

"ބައެއްފަހަރު ލޭހޯދާން ފަސޭހަ. ބައެއްފަހަރު ވަރަށް އުނދަގޫ. އަސްލު މިވާގޮތަކީ އެންމެންނަކީ ފޭސްބުކް، ނުވަތަ އެފަދަ ވަސީލަތްތައް ބޭނުންކުރަން އެނގޭ ބައެއް ނޫން. އެހެންކަމުން ވަރަށް ރަނގަޅަށް ކޯޑިނޭޓް ކޮށްގެން ނޫނީ، ބައެއްފަހަރު ހަމަ ވަރަށް ބޮޑަށް އުނދަގޫވޭ،" އުމުރުން 18 އަހަރުގެ ތެލެސީމިއާ ކުއްޖެއްގެ ބޭބެއެއް ކަމަށްވާ އަބޫބަކުރު އަލީ ބުންޏެވެ.

އަބޫބަކުރު ދެކޭގޮތުގައި ތެލެސީމިއާ ސެންޓަރު، ނުވަތަ ލޭގެ ހިދުމަތްދޭ އެފަދަ ތަންތަނުގައި 8 ގަޑިއިރު ނަމަވެސް ހިދުމަތް ދެވޭފަދަ ކައުންޓަރެއް ހަމައެކަނި "ލޭ ހޯދާމީހުންނަށް ޚާއްސަކޮށް" ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެންމެ އާދައިގެ މީހާއަށްވެސް ތަކްލީފަކަށް ނުވާގޮތަށް މިފަދަ މައުލޫމާތުތައް ފޯރުކޮށްދީ މީހުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

"އެއީ ތެދެއް. ލޭ ހޯދަން ގުޅާނޭ ނަމްބަރުތައް އެބަހުރި. އެކަމަކު ބައެއްފަހަރު އެ ނަމްބަރުތަކަށް ގުޅާލުމުންވެސް ލޭ ހޯދަން އެހާ ފަސޭހައެއްނޫން. ތިބޭފުޅާވެސް މިހާރުވެސްއެއިން ނަމްބަރަކަށް ގުޅާލަބައްލަވާ. އޭރުން އެނގިލައްވާނެ. ދިގު އިންތިޒާރެއް ކުރަން އެބަޖެހޭ. އެކަމަކު ވަރަށް ބޮޑަށް ކޯޑިނޭޓްކޮށްގެން ނޫނީ ގިނަފަހަރު ހަމަ ވަރަށް ބޮޑަށް ދަތިވޭ،" ވޭތުވެ ދިޔަ 18 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މަހަކު ދެފަހަރު ކޮއްކޮގެ ހަށިގަނޑަށް އެޅުމަށް "ބީ ޕޮޒިޓިވް" ލޭ ހޯދަން ކުރަމުން އައި އުނދަގޫ ތަޖްރިބާ ހިއްސާކުރަމުން އަބޫބަކުރު ބުންޏެވެ.

ތެލަސީމިއާ ކުދިންނަށް ލޭ ދިނުމަށް ނަގާ ލޭ ރައްކާކޮށްފައި ބެހެއްޓެނީ ގިނަ ވެގެން 10 ދުވަހު އެވެ. ސިއްހީ ސަބަބުތަކަށްޓަކައި ލޭ އަޅަންޖެހޭ މީހުންނަށް އަޅާ ލޭ 30 ދުވަހު ރައްކާކޮށްފައި ބެހެއްޓެ އެވެ. ރާއްޖޭގައި ލޭ ރައްކާކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރެވިފައިވާ ކަމަށް ވެސް ޑރ. ރަމީލާ ވިދާޅުވި އެވެ.

ދެން އޮތީ ސިއްހީ ބޭނުންތަކަށް ބޭނުންވާ ލޭގެ ވާހަކަ އެވެ. ހޮސްޕިޓަލްތަކުގައި ބްލަޑް ބެންކުތައް ގާއިމް ކުރެވި ލޭ ލިބޭނެ އިންތިޒާމް މި ވަނީ ހަމަޖައްސާފައެވެ. ލޭ ހޯދަން ބުނަނީ މަދު ފަހަރެއްގަ އެވެ. އެކަމުގައި ވެސް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް، ހަދީޖާ ވިދާޅުވީ، ލޭ ހޯދަން ބުނާނީ ސްޓޮކް މަދުވާ ފަހަރުތަކުގައި އެކަނި ކަމަށެވެ. އެފަދަ ހާލަތްތަކުގައި ވެސް ލޭ ނުހޯދިއްޖެ ނަމަ އައިޖީއެމްއެޗްގައި ބުނުމުން ލޭ ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ. ހަދީޖާ ވެސް ވިދާޅުވީ އެބޭފުޅުން ބޭނުންވާ ވަރަށް ލޭ ލިބޭ ކަމަށެވެ.

"ލޭ ހޯދުމަކީ އުނަދަގޫކަމެއް ނޫން. އެބޭފުޅުން ލޭ ބޭނުންވެއްޖިއްޔާ މި ކޮޅުގައި ސްޓޮކް ހުރިއްޔާ މިކޮޅުން ދޭނެ. ދެން ޑޯނާއެއް ނުލިބިއްޖެއްޔާ މިކޮޅުގައި (އައިޖީއެމްއެޗްގައި) އައިސް ބުނެލީމަ މިކޮޅުން ވެސް ޑޯނާ ހޯދައިދޭނެ. މިކޮޅުން ގުޅައިގެން ބުނެދޭނެ،" ހަދީޖާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 1980 ގެ ކުރީކޮޅުގައި ލޭ ދޭން މީހެއްގެ ގާތުން އެދެފިނަމަ ބިރުން އެކަން ނުވާނެ ކަަމަށް ބުނެ އެވެ. އޭރު ހޭލުންތެރިކަން ދަށްވުމަކީ ލޭ ދިނުމަކީ ތިމާގެ ފުރާނައަށް ގެއްލުންވާ ކަމެއް ކަމަށް މީހުން ގަބޫލް ކުރުމެވެ. ނަމަވެސް މިއަދު ތަހުޒީބްވެފައިވާ މުޖުތަމައުގައި ލޭ ހޯދުމަކީ އުނދަގޫކަމެއް ނޫނެވެ. އިޖްތިމާއީ ޒިންމާގެ ދަށުން ލޭ ހަދިޔާ ކުރުމަކީ މިއަދު އެކި ކުންފުނިތަކުން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. ލޭ ހޯދުމަކީ ފަސޭހަ ކަމެކެވެ.