ދިވެހި ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ ޔުނިވަސިޓީގެ ދަރިވަރުން ރައީސް އޮފީސް ކުރިމަތީ ހަޅުތާޅުކުރަން ފެށުމުން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު އެ ކުދިންނާ ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރު އެކެއް ޖެހި އިރު ރައީސް އޮފީސް ދޮށަށް އެއްވި ދިވެހި ޔުނިވަސިޓީގެ 400 ވަރަކަށް ދަރިވަރުން ހަރު އަޑުން ގޮވަމުން ދިޔައީ ޔުނިވަސިޓީގެ ގާނޫނާ އެއްގޮތަށް އެއް ހަމައަކުން ޔުނިވަސިޓީގެ ހުރިހާ ދަރިވަރުންނަށް ވެސް ޕޮކެޓްމަނީ ދިނުމަށާއި ލައިބުރަރީ އާއި ކޮމްޕޔުޓަރު ލެބުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށްދިނުމަށެވެ.

"އަޅުގަނޑުމެންގެ ކުދިންގެ ކޮންސާންއަކަށް ވެފައި މިއޮތީ އެއްބަޔަކަށް ޕޮކެޓްމަނީ ދީފައި އަނެއް ބަޔަލަށް ޕޮކެޓްމަނީ ނުދޭ މައްސަލަ. އެގިވަޑައިގަންނަވާނެ ގިނަ ކުދިންނަކީ ރާއްޖެތެރެ އިން ތައުލީމް ހާސިލް ކުރަން މިކޮޅަށް އައިސްގެން އުޅޭ ކުދިން. އެކުދިން ކުރަން ޖެހޭ ހަރަދުތައް ބޮޑު ވީމަ ފެޑަޕްވެގެން އެކުދިން މިއަދު މިތަނަށް އެ އައީ،"

ޔުނިވަސިޓީ ކައުންސިލްގައި ދަރިވަރުން ތަމްސީލް ކުރައްވާ ޝަރީއާ އެންޑް ލޯގެ ދަރިވަރު މުހަންމަދު ޔާމީން ބުންޏެވެ.
ޔުނިވަސިޓީގެ ދަރިވަރުން ރައީސް އޮފީސް ކުރިމަތީ ހަޅުތާޅުކުރަން ފެށިތާ 15 ވަރަކަށް މިނެޓް ފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ އިސް މެންބަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އޮފީހުން ބޭރަށް ނުކުމެވަޑައިގަތެވެ. އަދި އެ ކުދިންގެ ޝުއޫރުފާޅުކުރުމަށް އެއްވެސް ބަޔަކު ހުރަސް ނޭޅުމަށް އެދިވަޑައިގަތް އަނބުރާ އޮފީހަށް ވެދެވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ސިފާޒް މުޒާހަރާގައި އިސްކޮށް އުޅުނު ދަރިވަރުންނާ ވާހަކަ ދައްކަވައި އިހުސާސްތައް އަޑުއެއްސެވި އެވެ. ނަމަވެސް އެކުދިން ބޭނުންވަނީ އެ ކުދިންގެ ޝުއޫރުތައް ރައީސް ނަޝީދަށް އަޑުއިއްވަން ކަމަށް ބުނުމުން އޭގެ ތެރެއިން ފަސް ކުއްޖަކަށް ރައީސް ނަޝީދާ ބައްދަލު ކުރުމުގެ ފުރުސަތު ދިނެވެ.

ބައިގަޑިއެއް ހާއިރަށް ދިގުދެމިގެން ދިޔަ ބައްދަލުވުން ނިންމާލުމަށް ފަހު ރައީސް ނަޝީދާ އެކު އެ ކުދިން އޮފީހުން ބޭރަށް ނުކުތެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހި ބަހުގެ ޑިގްރީ ކޯހުގައި ކިޔަވަމުން އަންނަ މޫސާ މާހިރު ބުނީ ވަގުތުން ވަގުތަށް ޕޮކެޓްމަނީ އާ މެދު ގޮތެއް ނުނިންމެވޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި ނަމަވެސް ބުދަ ދުވަހު އަލުން އެކުދިންނާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

"ރައީސް ވިދާޅުވީ ބަޖެޓުގައި ލާރިއެއް ނެތޭ. އެކަމަކު އެކަމެއް ގަބޫލެއް ނުކުރެވޭނެ. އެކަނިވެރި މައިންނަށް ވެސް އެބަދޭ އިނާޔަތް. ދެން ކީއްވެތޯ އަޅުގަނޑުމެންނަށް ނުދެވޭންވީ؟،" މާހިރު ވިދާޅުވި އެވެ.
ޔުނިވަސިޓީގެ ދަރިވަރުން އެ ސަރަހައްދު ދޫކޮށް ދިޔައީ ގަޑިން 2 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. އެކުދިން ވަނީ ބުދަ ދުވަހު ރައީސް ދެއްވާ ޖަވާބަކުން ސީދާ ހަރަކާތަށް ނުކުންނާނެ ކަމުގެ އިންޒާރު ދީފަ އެވެ.
"ރައީސް ބުދަ ދުވަހު އަޅުގަނޑުމެން ބޭނުންވާ ފަދަ ޖަވާބެއް ދެއްވާނެ ކަމަށް މި ބަލަނީ. އެހެން ނުވެއްޖިއްޔާ އަޅުގަނޑުމެން މުޒާހަރާ ކުރަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނަން. އެކަމަކު މިއީ އަޅުގަނޑުމެން ކުރަން ބޭނުން ކަމެއް ނޫން. އަދި ކުރާ ހިއްވާ ވެސް ކަމެއް ނޫން،" ބުންޏެވެ.


-----------------
އަންނަ ބުދަ ދުވަހު ގޮތެއް ހަމަޖައްސަވާނެ ކަމަށް ރައީސް ނަޝީދު ބައްދަލު ކުރެއްވެވި ދަރިވަރުން ގާތުގައި ރައީސް ވިދާޅުވުމުން ދަރިވަރުންގެ އެއްވުން ރޫޅާލައިފި އެވެ. އެކުދިން ރައީސް އޮފީސް ކައިރީ ޝުއޫރު ފާޅުކުރުން ހުއްޓާލީ ބުދަދުވަހު ހަމަޖެހޭ ގޮތެއް ބަލަން އެނބުރި އަންނަ ގޮތަށެވެ.

13:38 އަށް ކުއްޖަކު ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ދެންމެ ވައްދައިފި އެވެ. އެހެން ހުރިހާ ކުދިން ޝުއޫރު ފާޅުކުރުމުގައި ދެމިއެބަތިއްބެވެ.

13:28 ދަރިވަރުންގެ ޝުއޫރު ފާޅު ކުރުމަށް ތާއީދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްހާން ފަހުމީވެސް ދަރިވަރުންނާ ވާހަކަފުޅު ދައްކަވަމުން އެބަދެ އެވެ.

13:25 ރައީސް ނަޝީދު މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް އޮފީހުން ބޭރަށް ނުކުމެ ވަޑައިގެން އެއްވެފައިވާ ދަރިވަރުންނާ މުހާތަބުކޮށް ކުޑައިރުކޮޅެއްގެ ތެރޭގައި ވަކި ގޮތެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެތެރެއަށް ވަދެވަޑައިގެންފި އެވެ.

13:23 ރައީސް އޮފީސްތެރެއަށް ވަން ދަރިވަރުން ނުކުންނާނެ ވަގުތަކަށް ބޭރުގައި އެއްވެ ތިބި ދަރިވަރުން ތިބީ އިންތިޒާރު ކޮށްގެނެވެ. އެމީހުން އެކީ އެއްއަޑަކުން ގޮވައިލަމުން ދަނީ ޕޮކެޓް މަނީ ދިނުމަށާއި ތަފާތު ކުރުމެއް ނެތި ހުރިހާ ދަރިވަރުންނަށް އެއް ހަމައަކުން ޕޮކެޓް މަނީ ދިނުމަށެވެ.

13:18 ރައީސް އޮފީސް ކައިރީގައި 300 އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްނެވެ. އޭގެ ތެރޭ އިސްކޮށް ހަރަކާތްތެރިވާ އަށް ކުއްޖަކު ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދުމުން މިވަގުތު ވީ ރައީސް އޮފީސް ތެރެއަށް ވައްދާފަ އެވެ.

ޕޮކެޓް މަނީގެ މައްސަލައިގައި ޔުނިވާސިޓީގެ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ. މެގަފޯނާއި ޕޯސްޓަރު ހިފައިގެން އެއްވެ އެކުދިން ގޮވާލަމުން ދަނީ އެކުދިން ޕޮކެޓް މަނީ ހަމަޖައްސައި ދިނުމަށެވެ. (ތަފުސީލު އަންނަނީ)