14:30


ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއް ކަމަށްވާ ޑރ. ޒާކިރު ނައިކް އަންނަ މަހު ރާއްޖެ ވަޑައިގެން ދީނީ ތަގުރީރެއް ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އިންޑިއާ އަށް އުފަން އުމުރުން 44 އަހަރުގެ ޑރ. ޒާކިރު ނައިކާއި އޭނާގެ އަނބިކަނބަލުން އަދި ދަރިކަލުން ރާއްޖެ ވަޑައިގަންނަވަނީ އެ މިނިސްޓްރީގެ ދައުވަތަކަށް ކަމަށެވެ. އަދި އަންނަ މަހުގެ 25 ން 31 ވަނަ ދުވަހާ ހަމައަށް އެ ބޭފުޅުން ރާއްޖޭގައި ތިއްބަވާއިރު ތިން ދަރުސެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި. އެ ތިން ދަރުސަކީ ޒާކިރު ނައިކްގެ ދަރުސަކާއި ދަރިކަލުން ފާރިގް ޒާކިރު ނައިކްގެ ދަރުސަކާއި އަނބިކަނބަލުން ފަރްހަތު ޒާކިރު ނައިކް ދެއްވާ ދަރުސެއް ކަމަށް އަހުމަދުﷲ ވިދާޅުވި އެވެ. އަދި މީގެ ތެރޭން އަނބިކަނބަލުން ފަރްހަތު ޒާކިރު ނައިކް ދެއްވާ ދަރުސަކީ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދަރުސެއް ކަމަށް ވެސް އަހުމަދުﷲ ވިދާޅުވި އެވެ.


ޑރ. ޒާކިރު ނައިކަކީ ޕްރޮފެޝަނަލް ޓްރޭނިން ލިބިވަޑައިގެން ހުންނެވި މެޑިކަލް ޑޮކްޓަރެއްގެ އިތުރުން ދީނީ ދަރުސް ދެއްވުމުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ. ދުނިޔޭގެ 200 އަށްވުރެ ގިނަގައުމުތަކުގެ ޓީވީ ޗެނަލްތަކުން އޭނާ ފެންނަމުން ދިޔުމުގެ ސަބަބުން އިންޑިޔާގެ އެންމެ މަގްބޫލު 10 ދީނީ ޝަޚްސިއްޔަތުތަކުގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.