މުޒާހަރާ ކުރާ ފަރާތްތަކުގެ ބޭނުމަށް ރޭގަނޑު 11:00 ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްލާމިން (އިބްރާ)ގެ ގެކޮޅު މއ. ބޯގަންވިލާގައި އަޑުގަދަ ކުރާ ހަރުކޮށްފައި ހުރި ކަމަށް ތުހުމަތުކޮށް، އެ ގެއަށް ފުލުހުން ވެދެ، ބަލައި ފާސްކޮށްފި އެވެ.

ފުލުހުން ވަނީ މިރޭ އިރާކޮޅު އެގެއަށް ވަދެ، އެގޭގައި ބަހައްޓާފައި ހުރި ސައުންޑު ސިސްޓަމެއް ގެންގޮސްފަ އެވެ.

ފުލުހުން އެގެއަށް ވަދެފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ކޯޓު އަމުރުގައި ބުނެފައި ވަނީ ރޭގަނޑު 11:00ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރުމަށް ފުލުހުން އަންގާފައި ވަނިކޮށް، އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި އަޑުގަދަ ކުރަން ބޭނުން ކުރާ ސައުންޑު ސިސްޓަމް ބޯގަންވިލާ ގޭގައި ހަރުކޮށްފައިވާ ކަމަށެވެ. އަދި އެ ސައުންޑް ސިސްޓަމާއި އެއާ ގުޅުން ހުރި ތަކެތި ހޯދުމަށް އެ ގެބަލާ ފާސްކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވެ އެވެ.

"މުޒާހަރާގެ ބައިވެރިން ރޭގަނޑު 11:00 ގެ ފަހުން އިމާރާތްތަކުގައި ހަރުކޮށްފައި ހުރި ސައުންޑް ސިސްޓަމް ބޭނުން ކުރާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާތީ މއ. ބޯގަންވިލާ ގޭގައި ހަރުކޮށްފައި ހުރި ސައުންޑް ސިސްޓަމާއި އެކަމާ ގުޅުން ހުރި ތަކެތި ހޯދުމަށް [ބަލައި ފާސްކުރުމުގެ އަމުރު ކުރަމެވެ.]" ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

އެ ގޭގައި އަޑުގަދަ ކުރާ ހަރުކޮށްފައިވާ ކަމަށް، ފުލުހުންތަކެއް މައުލޫމާތު ދީފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

އެގެއަށް ފުލުހުން ވަދެ، ސައުންޑު ސިސްޓަމެއް ގެންދިޔަ މައްސަލާގައި އިބްރާ ބުނީ އެ ގެއިން އެއްވެސް އެޗެއް ގެންދިއުމަށް ކޯޓު އަމުރުގައި ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި ދަންވަރު 12:00 ޖަހަން ދެން ވެސް އަޑުގަދަ ކުރާ ބޭނުންކޮށްގެން، ލަވަޖެހުމަކީ ވެސް މަނާ ކަމެއް ނޫން ކަމަށް އިބްރާ ވިދާޅުވި އެވެ.