މި މަހު 12 އިން 16 އަށް ޗައިނާގެ ކުންމިން ސިޓީގައި ކުރިއަށްދާ ޗައިނާ - ސައުތު އޭޝިޔާ އެކްސްޕޯގައި ރާއްޖޭގެ ތިން ކުންފުންފުޏަކުން ބައިވެރިވެއްޖެ އެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކާއި އާޝިޔާންގެ ގައުމުތަކުން ގިނަ ސްޓޯލްތަކެއް ހުޅުވާފައިވާ ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައި ވަނީ، މަސް އެކްސްޕޯޓް ކުރުމުގައި މަސައްކަތް ކުރާ، ސަރުކާރުގެ ވިޔަފާރި ކުންފުނި، މިފްކޯ އާއި ޕްރައިވެޓް ދެ ކުންފުނި ކަމަށްވާ، ހޮރައިޒަން ފިޝަރީޒާއި އެންސިސް ފިޝަރީޒެވެ.

ރާއްޖޭގައި ބާނާ ރޯ މަހާއި ޕްރޮސެސްކޮށްފައިވާ މަސް ޗައިނާގެ މާކެޓްތަކާއި ސަރައްހަދުގެ މާކެޓްތަކަށް އިޝްތިހާރު ކުރުމަށް އައިސްފައި ވަނީ އެ ކުންފުނިތަކުގެ ވެރިންނެވެ.

ހޮރައިޒަން ފިޝަރީޒުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ކުންމިން ފެއާއަކީ ރާއްޖޭގެ ދަޅު މަހަށް ބާޒާރު ހޯދުމަށް ރަނގަޅު ފެއާއެއް ކަމަށާއި އޭގެ އިތުރަށް ރާއްޖޭގެ ދަޅު މަސް ރީޓެއިލްކޮށް ވިއްކުމަށް ވެސް ރަނގަޅު "މަގުމަތީ ބާޒާރެއް" ކަމަށެވެ. ނަމަވެސް މި ފަހަރު މަހުގެ ބާވައްތައް ގެނައީ ހަމަ އެކަނި އިޝްތިހާރުކޮށް މާކެޓް ކުރެވޭ ވަރަށް ކަމަށްވާތީ އެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

"ބައެއް މީހުން ގަންނަން އެދޭ 30 ނޫނީ 40 ކޭހުން، ދަޅު މަސް ކޮންޓޭނާއެއް ގެނެވުނު ނަމަ ރަނގަޅުވީސް،" ހޮރައިޒަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ބާޒާރުގައި އެންްމެ މަގުބޫލީ ރާއްޖޭގައި ޕްރޮސަސްކޮށްފައި ހުންނަ "ޗިލީ ޓޫނާ" ކަމަށެވެ.

"ވަރަަށް ގިނަ މީހުންނަށް ޗިލީ ޓޫނާ ކަމުދޭ،" ފެއާ އަށް ޒިޔާރަތް ކުރާ މީހުންނަށް ރަހަ ދެއްކޭ ގޮތަށް ހުންނަ ދަޅު މަހާ ބެހޭ ގޮތުން އެ އޮފިޝަލް ވިދާޅުވި އެވެ.

މިފްކޯގެ އޮފިޝަލަކު ވެސް ވިދާޅުވީ ވަރަށް ގިނަ މީހުން ސްޓޯލަށް ޒިޔާރާތް ކުރާ ކަމަށާއި އަދި ރާއްޖޭގެ އުފެއްދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފެއާގައި ބައިވެރިވުމަށް ދައްކަން ޖެހުނު މަދު ޔުއާންކޮޅެެއް ފިޔަވައި ސްޓޯލްތައް ދީފައި ވަނީ ހިލޭ ކަމަށެވެ. އަދި ކޮންސެޕްޓް ދިނުމުން ސްޓޯލްތައް ތައްޔާރު ކުރީ ވެސް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ފަރާތުން ކަމަށެވެ.

ރާއްޖޭގެ މަސް ތިން ކުންފުނީގެ އިތުރަށް ރާއްޖޭގެ ހޭންޑީ ކްރާފްޓް ދައުކުވައިދޭ ސްޓޭންޑެއް ވެސް އެ ސްޓޯލްގައި ހުރެ އެވެ.

ރާއްޖޭގެ ސްޓޯލްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިއްޔެ ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ.

ކުންމިން ފެއާ އަކީ އަހަރަކު އެއް ފަހަރު ބާއްވާ ފެއާ އެކެވެ. އެ ފެއާ ބޭއްވުމަށް ކުންމިން ސިޓީގައި ވަނީ ހާއްސަ ކޮންވެޝަން ސެންޓަރެއް ހަދައިފަ އެވެ.