މި އަހަރު ނޮވެމްބަރު މަސް ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ބޭސް ލިބޭ ބޭސްފިހާރަތައް ހުޅުވައި ނިންމާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ އިން ރާއްޖެއަށް ގެނެސްފައިވާ ހަތަރު ޕެރަމެޑިކް އެމްބިއުލާންސް ހެލްތު މިނިސްޓްރީއަށް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވީ، މިހާތަނަށް އެ ކުންފުނިން 113 ފާމަސީއެއް ހުޅުވާފައިވާ ކަމަށާއި، ކަނޑައެޅިފައިވާ ޓާގެޓްގެ ކުރިން ހުރިހާ ރަށެއްގައި ފާމަސީތައް ހުޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިސާބުތަކަށް ބަލާލާއިރު އިއްޔެގެ ނިޔަލަށް 113 ފާމަސީ އެއް ހުޅުވާފައިވޭ. އަދި ޖުމްލަކޮށް 122 ފާމަސީން އާސަންދަ ހިދުމަތް ރާއްޖޭގައި ލިބޭނެ، އަޅިގަނޑުމެންނަށް ދެއްވާފަ އޮތް ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީ ހުޅުވުން. ނަމަވެސް އަޅުގަނޑު ޔަގީންކަންދެން އެ ޓާގެޓުގެ މާ ކުރިން، އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފާމަސީ ހުޅުވާ ނިންމާނަން،" ޝަހީރު ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ، ސިއްހީ ދާއިރާއަށް ބޭނުންވާ ތަފާތު އެކިއެކި ވަސީލަތްތައް ނުވަތަ މެޑިކަލް އިކުއިޕްމަންޓްސް ރާއްޖެއަށް ގެނެސް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ އެ ކުންފުނީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ އަހަރު އެކަނި ވެސް ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ، 69 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓްސް އެތެރެކޮށްފައިވާކަން ޝަހީރު ފާހަގަކުރެއްވި އެވެ.

ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަށް، ކޮންމެ ރަށެއްގައި އާސަންދަ ހިދުމަތް ލިބޭ ފާމަސީއެއް ހުޅުވުމަކީ ރައީސް ޔާމީންގެ ސަރުކާރުން މިދިޔަ އަހަރު އޭޕްރީލްމަހުގެ ތެރޭގައި ފަށާފައިވާ ޕްރޮޖެކްޓެކެވެ.