ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 54 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން، ރާއްޖެ ގެނައި ހަތަރު އެމްބިއުލާންސް ހަތަރު ހޮސްޕިޓަލަކާ ހަވާލުކޮށްފި އެެވެ.

ޮޕެރަމެޑިކް އެމްބިއުލާންސްތައް ހޮސްޕިޓަލްތަކާ ހަވާލު ކުރީ، އެސްޓީއޯއިން އެތަކެތި ހެލްތު މިނިސްޓްރީއާ ހަވާލު ކުރުމުންނެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕެރަމެޑިކް އެމްބިއުލާންސްތައް ހަވާލުކޮށްފައި ވަނީ އައިޖީއެމްއެޗަށާއި އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށާއި ފުވައްމުލަކު ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްތަކުގެ ފަރާތުން އުޅަނދުތަކާ ހަވާލުވެވަޑައިގަތީ އެ ހޮސްޕިޓަލްތަކުގެ އިސްވެރިންނެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ، އެސްޓީއޯ އިން އަބަދުވެސް އަންނަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ކުންފުނިން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރު 69 މިލިއަން ރުފިޔާގެ ބޭސްފަރުވާއާ ގުޅޭ އެކިއެކި އާލާތްތައް އެ ކުންފުނިން ގަނެ ހެލްތު މިނިސްޓްރީއަށް ހަވާލުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ހެލްތު މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ސެންޓަރުތަކަށް މިއަދު ހަވާލުކުރި އެމްބިއުލާންސްތަކަކީ ބަލިމީހާ އޮތް ތަނަކުން ހޮސްޕިޓަލާ ހަމައަށް ގެންދާއިރު، މެދުކެނޑުމެއް ނެތި ފުރިހަމައަށް ފަރުވާދެވޭނެ ކަމުގެ ޔަގީންކަން އޮތް އެމްބިއުލާންސްތަކެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

ހޮސްޕިޓަލްތަކާ ހަވާލު ކުރި ޕެރަމެޑިކް އެމްބިއުލާންސެއްގެ އެތެރެ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އެމްބިއުލާންސްތައް ގެނައުމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 36 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އަދި މިއަދު ހަވާލުކުރި ހަތަރު ޕެރަމެޑިކް އެމްބިއުލާންސަށް 4.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.