13 Jun 2015, 16:23
"ނާމާން ވާހަކަ" އާއި "އެއްސަހަރެއްގައި"ގެ ނަމުގައި ސަން އިން ހުޅުވައިލި ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ. ކުރިޔަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ސަން އިން ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސަން އިން އިތުރުކޮށްފައި ވަނީ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށެވެ.
މި މުބާރާތުގެ ތެރެއިން "ނާމާން ވާހަކަ" ބައި ޚާއްސަ ކޮށްފައި ވަނީ ބިރުވެރި ވާހަކަ ތަކަށެވެ. "އެއް ސަހަރެއްގައި" ޚާއްސަ ކޮށްފައި ވަނީ ބިރުވެރި ނޫން ވާހަކަތަކަށެވެ. މި މުބާރާތުގައި ވާދަކުރާން ފޮނުވާ ވާހަކަ ތަކުގެ ތެރެއިން ކޮންމެ ކެޓެގަރީ އަކުން ވެސް 30 ވާހަކަ ޝޯޓް ލިސްޓް ކުރެވޭނެ އެވެ. އެ ގޮތުން ނާމާން ވާހަކަ ކެޓެގަރީން ޝޯޓް ލިސްޓް ކުރެވޭ 30 ވާހަކަ އާއި އެއް ސަހަރެއްގައި ކެޓެގަރީން ޝޯޓް ލިސްޓް ކުރެވޭ 30 ވާހަކަ ރޯދަ މަހު ސަން އޮންލައިންގައި ޝާއިއު ކުރެވޭނެ އެވެ.
މި މުބާރާތުގައި ބައިވެރިކުރާން ފޮނުވާ ވާހަކަތައް ވާން ޖެހޭނީ މީގެ ކުރީން ޝާއިއުކޮށްފައި ނުވާ ވާހަކަ ތަކަށެވެ. ކޮންމެ ވާހަކައެއްގެ ދިގުމިން ހުންނަން ވާނީ 1200 ބަހާއި 1500 ބަހާ ދެމެދުގަ އެވެ. މުބާރާތުގައި ބައިވެރިކުރާން ވާހަކަތައް ފޮނުވާނީ[email protected]އަށެވެ. ވާހަކަތައް ފޮނުވާނީ މައިކްރޯސޮފްޓް އޮފީސް ވޯޑް ފޯމެޓްގަ އެވެ. ވާހަކަ އީމެއިލް ކުރައްވާ އިރު، ވާހަކަ ލިޔުންތެރިޔާގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު އެނގެން އޮންނަން ވާނެ އެވެ. މީގެ އިތުރުން ވާހަކައިގައި ހިމަނަން ބޭނުންވާ ފޮޓޯވެސް (ވާހަކައިގެ ކަވަރ ފޮޓޯ) ފޮނުވަންވާނެއެވެ.
މި މުބާރާތުގައި ބައިވެރިކުރާ ވާހަކަތަކަށް މާކްސް ދިނުމަށް ޓަކައި އެކަމަށް ޚާއްސަ ތިން ބޭފުޅުން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ޕެނަލެއް ސަން އިން ވަނީ އެކުލަވައިލައިފަ އެވެ. އެއީ މުހައްމަދު އާމިރު އަހުމަދު (ފަރެސް) އާއި އަބްދުﷲ ނައީމު އިބްރާހީމް އާއި އަލްއުސްތާޒް އަހުމަދު މާޖިދު އެވެ.
މުބާރާތުގެ އިސް ފަނޑިޔާރު، ފަރެސް އާމިރު މިއަދު ވިދާޅުވީ މި މުބާރާތުގައި ތަފާތު ނުވަ ބަޔަކަށް މާކްސް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ، ފެށުމަށް 5 މާކްސް، ވާހަކައިގެ ނަމާއި ވާހަކަ ބިނާކޮށްފައިވާ ގޮތަށް 10 މާކްސް، ވާހަކައިގެ އަމިއްލަވަންތަކަމަށް 5 މާކްސް، ހުށަހަޅައިދިނުމަށް 30 މާކްސް، ޝަޚުސިއްޔަތު ހުށަހަޅާފައިވާ ގޮތަށް 5 މާކްސް، އިބާރާތް ކުރުމާއި ބަހުގެ ހަމަތަކަށް 25 މާކްސް، ވާހަކަ ބިނާކޮށްފައިވާ ދުވަސްވަރުގެ ކަންކަމާ ގުޅުންހުރި މިންވަރަށް 5 މާކްސް، ޑައިލޮގަށް 10 މާކްސް އަދި މެސެޖަށް 5 މާކްސް އެވެ.
މި ވާހަކަ މުބާރާތުން ހޮވައިލެވޭ ވާހަކަލިޔުންތެރީންނަށް ސަން އޮންލައިނަށް ވާހަކަލިޔުމުގެ ފުރުސަތު ދޭން ސަން މީޑިއާ ގުރޫޕުން ވަނީ ނިންމައިފަ އެވެ.
މި މުބާރާތުން އެއްވަނަ އަށް ހޮވޭ ވާހަކަ ލިޔުނު ފަރާތަކަށް 42 އިންޗީގެ ފަތި ޓީވީއެއް، ދެވަނަ އަދި ތިން ވަނަ އަށް ހޮވޭ ވާހަކަ ލިޔުނު ފަރާތަކަށް 32 އިންޗީގެ ފަތި ޓީވީއެއް އިނާމުގެ ގޮތުގައި ދޭން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އެއްވަނަ ދެވަނަ އަދި ތިން ވަނަ އަށް ހޮވޭ ވާހަކަތައް ލިޔުނު ފަރާތްތަކަށް އެކަން އަންގައިދޭ ހަނދާނީ ލިޔުމާއި ސަން ގައި ޝާއިއު ކުރެވޭ 60 ވާހަކަ ލިޔުންތެރީންނަށް އެ ވާހަކަތައް ސަން ގައި ޝާއިއުކުރިކަން އަންގައިދޭ ހަނދާނީ ލިޔުން ވެސް ދޭން ވަނީ ނިންމައިފަ އެވެ.