މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުމާލެއަށް ދަތުރު ކުރަމަށް ބޭނުން ކުރާ ފެރީތަކުގައި ފަންކާ ހަރުކުރަން ފަށައިފި އެވެ.

މިހާރު ހިދުމަތްދޭ ފެރީތަކުގައި ފަންކާއެއް ނުހުރެއެވެ. އޮފީސްތަކަށް އަންނަ ފަރާތްތަކާއި ހުޅުމާލޭގައި ދިރިއުޅޭ އެތައް ބަޔަކު ދަނީ ފެރީތައް ހޫނު ގަދަކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ސަން އަށް ވިދާޅުވީ، ރޯދަމަހާ ދިމާކޮށް އެކުންފުނިން ހުޅުމާލެ ފެރީތަކުގައި ފަންކާ ހަރުކުރުމަށް ފަށާފައިވާއިރު ފުރަތަމަ ފެރީގައި ފަންކާ ހަރުކޮށް މިއަދު ދަތުރު ފަށާފައިވާ ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފްތާ ނިމުމުގެ ކުރިން އެމްޓީސީސީގެ ފަސް ފެރީއެއްގައި ފަންކާ ހަރުކުރެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ރޯދަ މަހާ ދިމާކޮށް މިކަން މިކުރަނީ. ހޫނުވުމަށް ހައްލެއް އަންނާނެ،" ހަލީމް ވިދާޅުވި އެވެ.

ކޮންމެ ފެރީއެއްގައި 12 ފަންކާ ހަރުކުރާއިރު އެ ފަންކާ ތަކަކީ އާދައިގެ ފަންކާތަކަށްވުރެ ބޮޑެތި ފަންކާތަކެއް ކަމަށް ހަލީމް ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި އެކުންފުނިން ހަދާ ފެރީތަކުގައި ފަންކާ ހަރުކުރުމަށް ނިންމާފައިވާއިރު އެހެން މަންޒިލްތަކަށް ދަތުރުކުރާ ފެރީތަކުގައިވެސް ފަންކާ ހަރުކުރުމަކީ އެކުންފުނީގެ އަމާޒެއް ކަމަށް ހަލީމް ވިދާޅުވި އެވެ.

ފެރީތަކުގައި އެމްޓީސީސީން ފަންކާ ހަރުކުރާއިރު އެ ކުންފުނިން މިހާރު ނިންމާފައިވަނީ ދެބުރި ފެރީތަކެއް ހުޅުމާލެއާއި މާލޭގެ ދަތުރުތަކަށް ތައާރަފް ކުރުމަށެވެ. ހަމައެއާއެކު އެ ދަތުރުތައް 15 މިނެޓަށް ކުރުކޮށްލުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.