13 Jun 2015, 15:14
އަންނަ އަހަރު ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2016 ގެ ކޮލިފައިންގެ ގުރޫޕް އެޗްގައި ކްރޮއޭޝިއާ އަމިއްލަ ދަނޑުގައި ސަޕޯޓަރުން ނުވައްދައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗް 1-1 އިން އެއްވަރުވެއްޖެ އެވެ.
ކޮރޭޝިއާގެ ޕަލުޖް ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ކޮރޭޝިއާގެ ފޯވަޑް މާރިއޯ މަންޑޫޒިކްއެވެ.
މެޗްގެ 11 ވަނަ މިނެޓްގައި މަންޑޫޒިކް މިލަނޑު ކާމިޔާބު ކުރީ ބާސާގެ މިޑްފީލްޑަރު އީވާން ރެކިޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އިޓަލީގެ ލަނޑަކީ ކޮރޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން މަންޑޫޒިކް އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މެޗްގެ 36 ވަނަ މިނެޓްގައި މި ޕެނަލްޓީ ކާމިޔާބު ކުރީ އެންޓޮނިއޯ ކެންޑްރާ އެވެ.
މި މެޗް މޮޅަކުން ނިންމާލުމަށް ކޮރޭޝިއާއަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. އެއީ މެޗްގެ ފަސް ވަނަ މިނެޓްގައި މާރިއޯ މަންޑުޒިކަށް ލިބުނު ޕެނަލްޓީ އެވެ.
އިޓަލީގެ ޑިފެންޑަރު ޑޭވިޑް އެސްޓޯރީ އެޓީމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޮރޭޝިއާގެ ކެޕްޓަން ޑަރިޖޯއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނެލަޓީ މަންޑޫޒިކް ފޮނުވާލުމުން އިޓަލީގެ ގޯލް ކީޕާރު ބުފޯން ވަނީ ދިފާއުކޮށްފައެވެ.
މެޗްގެ އެންމެ ފަހު ވަގުތު ކޮޅުތެރޭގައި ޑަރިޖޯ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ދެ ވަނަ ރީނދޫ ކަޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަފައެވެ.
މި ދެ ޓީމް ބައްދަލު ކުރި ފުރަތަމަ ލެގް މެޗްވެސް ނިމުނީ އެއްވަރުވެގެންނެވެ.
ރޭ ކުޅުނު މެޗް ސަޕޯޓަރުން ނުވައްދައި ކުޅުނީ އެ ދަނޑުގައި ނޯވޭއާ ދެކޮޅަށް ކޮރޭޝިއާ ކުޅުނު މެޗްގައި އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ނަސްލީ ތަފާތު ކުރުންތަކާ ހެދިއެވެ.
މިމެޗު އެއްވަރުވެގެން ނިމުމުން ތާވަލްގެ އެއް ވަނައިގައި ކޮރޭޝިއާ އޮތީ އިޓަލީއަށްވުރެ އިތުރަށް ދެޕޮއިންޓް ހޯދައިގެންނެވެ. ކޮރޭޝިއާ 14 ޕޮއިންޓް ލިބިފައިވާއިރު އިޓަލީ ދެ ވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ.