13 Jun 2015, 14:11
އިސްރާއީލުގެ އަޅުވެތިކަމުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ތަގުރީރު ކުރުމުގެ ޕްރޮގްރާމެއް ޝީ ބިލްޑިންގުގައި މިރޭ އޮންނާނެ ކަމަށް އެކަން އިންތިޒާމު ކުރާ ޖަމިއްޔާއިން ބުނެފި އެވެ.
ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޔޫތު ލީގުން ބުނީ ފަލަސްތީނުގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބާއްވާ ޕްރޮގްރާމްގައި ވާހަކަ ދައްކާނީ ފަލަސްތީނުގެ ރައްޔިތެއްކަމަށްވާ ރާއިދު އެމްއައި ޤަދޫރާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ތަޤުރީރު ކުރައްވާނެ ކަމަށް އެ އެންޖީއޯއިން ބުންޏެވެ.
ރާއިދު ޤަދޫރާ މިއަދު ސަންއަށް ބުނީ އޭނާ ރާއްޖެއަށް އައީ އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންގެ ހާލަތާއި ބައިތުލް މަޤުދިސްގައިވާ މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމަށްވާ އަލް އަޤުޞާ މިސްކިތް ހަލާކު ކުރުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މުސްލިމުން ހޭލުންތެރި ކުރުމަށް ހިންގާ ކެމްޕޭނެއްގެ ބައެއްގެ ގޮތުން ކަމަށެވެ.
"... އެންމެ ފުރަތަމަ އަޅުގަނޑުމެން މިޕްރޮގްރާމް ފެށީ މެލޭޝިއާގައި. ދެން މިއާދެވުނީ ދިވެހިރާއްޖެއަށް. އިންޝާއަﷲ ދެން ދާނީ އިންޑޮނޭޝިއާއަށް. އެއީ ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު،" އޭނާ ބުންޏެވެ.
އިސްރާއީލުން މިދިޔަ އަހަރުގެ ޖުލައިމަހާއި އޮގަސްޓްމަހު ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނުގައި 2300 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އަދި އެތައް ހާސްމީހުންނެއް އެ އުދުވާނުގައި ޒަހަމްވި އިރު 100000 މީހުންގެ ގެދޮރު ގެއްލުނެވެ.