13 Jun 2015, 12:37
އިސްރާއީލުން މިދިޔަ އަހަރު ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނުގައި އެރަށުގެ ގޮނޑުދޮށުގައި ފުޓްބޯޅަ ކުޅެން ތިބި ހަތަރުކުދިންނަށް ހަމަލާދީ މަރައިލީ އެކުދިންނަކީ ބަޑިހިފައިގެން ތިބި މީހުން ތަކެއް ކަމަށް ހީވެގެން ކަމަށް އެގައުމުން ބުނެފި އެވެ.
ޣައްޒާގެ ގޮނޑޮދޮށުގައި ކުޅެން ތިބި ހަތަރު ކުދިން މަރައިލުމުން ބައިނަލްއަގުވާމީ ގޮތުން އިސްރާއީލަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވި އެވެ. އެހެންވެ އެހާދިސާ އަމިއްލައަށް ތަހުގީގުކުރާނެ ކަމަށް އިސްރާއީލުން އޭރު ބުންޏެވެ.
އިސްރާއީލުން ކުރިކަމަށް ބުނާ ތަހުގީގު ނިންމުމަށް ފަހު އިސްރާއީލު ސިފައިން އިއްޔެ ބުނެފައި ވަނީ އެކުދީންނަށް ހަމަލާ ދެވުނީ އޮޅިގެން ކަމަށާއި އެއީ އެހަމަލާ ދިން މީހުންނާ މެދު ޖިނާއީ ދައުވާއެއް ކުރެވޭނެ ހާދިސާއެއް ނޫން ކަމަށެވެ.

" ހަތަރު ފިރިހެން ކުދިންނަށް ވައިގެ ސިފައިން ހަމަލާ ދިނީ ކުޑަކުދިންކަން ދެނެ ނުގަނެވިގެން. އަދި އެއީ ހަމަ އެކަނި ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދެއްވީމާ އެކުދީންނަކީ ބަޑިހިފައިގެން ތިބި މީހުން ކަމަށް ގަބޫލު ކުރެވިގެން،" އިސްރާއީލު ސިފައިންގެ ފަރާތުން ވާހަކަ ދެއްކި ލެފްޓިނެންޓް ޕީޓާ ލާނާ ބުނި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ޣައްޒާގެ ގޮނޑުދޮށުގައި ތިއްބައި އިސްރާއީލުން މަރައިލި ކުދިން، ދެވަނަ ހަމަލާ އެކުދިންނަށް އަމާޒުވި މަންޒަރު. ފޮޓޯ: އޭބީސީ ނިއުސް
މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އިސްރާއީލުން ހިންގި އެ ޖަރީމާ ބައިނަލް އަގުވާމީ އެތައް ނޫސްވެރިންނަކަށް ވަނީ ފެނިފައެވެ.
އިސްރާއީލުން މިދިޔަ އަހަރު 50 ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގައި 500 އަށް ވުރެ ގިނަ ކުޑަކުދިން މަރާލައި 2000 އަށް ވުރެ ގިނަ ކުޑަކުދިން ޒަހަމްކޮށްލާފައި ވެއެވެ. އެހަނގުރާމައިގައި ޣައްޒާއިން 2100 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.