ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މީޑްފީލްޑަރު އަޙްމަދު ނިޔާޒު ރޭ ވިކްޓަރީއަށް ސޮއިކޮށްފި އެވެ.

ވިކްޓަރީއާއެކު ނިޔާ ކޮންޓްރެކްޓް ހެދީ މިސީޒަން ނިމެންދެންނެވެ.

ވިކްޓަރީގެ ނައިބުރައީސް އަޙްމަދު ނަސީމް (ޕެރިސް) ސަން އަށް ވިދާޅުވީ، ވިކްޓަރީން ނިޔާއަށް އޮފާ ކުރުމުން އޭނާ އެޓީމަށް އައީ ނިއުއިން ރިލީޒް ދިނުމުންކަމަށެވެ.

މީގެ ކުރިން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ނިއުރޭޑިއަންޓް މެނޭޖަރު އަހްމަދު ޒަރީރު ވިދާޅުވީ ނިއުގެ ލޯކަލް ބައެއް ކުޅުންތެރިންނަށް އެހެން ކުލަބުތަކުން އެޕްރޯޗް ކުރަމުންދާ ކަމަށާއި ކުޅުންތެރިޔާއަށް އެންމެ ރަނގަޅު ގޮތެއް ބަލާފައި އެކުޅުންތެރިޔަކު އެކަމަށް އެދޭނަމަ ނިއުއިން ރިލީޒްދޭނެ ކަމަށެވެ.

މިއީ މިސީޒަންގައި ނިއުއަށް ކުޅުމަށް ފަހު ރިލީޒަށް އެދުމުން ނިއުއިން ދޫކޮށްލި ދެވަނަ ދިވެހި ކުޅުންތެރިޔާއެއެވެ. ޕީޕަލްސް ކަޕަށް ފަހު ނިއުގެ ކެޕްޓަންކަން ކުރި މުޙައްމަދު އުމޭރު ވަނީ ނިއުއިން ރިލީޒް ދިނުމުން މާޒިޔާއަށް ސޮއިކޮށްފައެވެ.

ނިޔާ ވިކްޓަރީއަށް ސޮއި ކުރުމާއެކު އޭނާ ވެފައިވަނީ މިދިޔަ ދެ އަހަރު ތެރޭގައި ވިކްޓަރީއަށް ސޮއި ކުރި ގައުމީ ޓީމްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.