ކޮއްކޯފުޅު ޕްރިންސަސް ކްރިސްޓީނާގެ މައްޗަށް ފައިސާގެ ވަގު ވިޔަފާރި އާއި ޓެކުހަށް މަކަރު ހެދުމާއި އަދިވެސް އޮޅުވާލުމުގެ ތަފާތު މައްސަލަތަކެއްގެ ދައުވާ އުފުލާފައިވާތީ، އެކަމަނާއަށް ދެއްވާފައިވާ "ޑަޗެސް އޮފް ޕާމާ"ގެ ލަގަބު، ސްޕެއިންގެ ރަސްގެފާނު ފެލިޕޭ IX ނަންގަވައިފި އެވެ.

ސްޕެއިންގެ ރަސްކަމުން ދުރުވެވަޑައިގެންނެވި ކުރީގެ ރަސްގެފާނު ހުއާން ކާލޯސްގެ ހަގު ދަރިކަނބަލުން، ކްރިސްޓީނާއަށް "ޑަޗެސް އޮފް ޕާމާ"ގެ ލަގަބު އަރުވާފައި ވަނީ 1997 ވަނަ އަހަރު އެކަމަނާ ކުރީގެ އޮލިމްޕިކް ހޭންޑްބޯލް ޕްލޭޔާ އިނާކީ އުރުދަންގާރިން އާ ކައިވެނި ބައްލަވައިގަތުމުންނެވެ.

ޕްރިންސަސް ކްރިސްޓީނާގެ ޑިފެންސް ލޯޔަރު މިގުއެލް ރޮޗާ ވިދާޅުވީ، އެކަމަނާ ވަނީ "ޑަޗެސް އޮފް ޕާމާ"ގެ ލަގަބު ނެންގެވުމަށް އެދިވަޑައިގެން ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވާފައި ކަމަށެވެ.

އެކަމަކު ޝާހީ ގަނޑުވަރުން ބުނެފައި ވަނީ، ޕްރިންސަސް ކްރިސްޓީނާގެ އެ ސިޓީފުޅު ލިބިވަޑައި ނުގަންނަވަނީސް ރަސްގެފާނު އެ ނިންމުން ނިންމަވާފައިވާ ކަމަށެވެ. ކްރިސްޓީނާ ވަނީ ޓެކުހަށް މަކަރުހެދި ކަމުގެ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

ޕާމާ ޑި މަޔޯކާގެ ޕްރޮސެކިއުޓަރުން ވަނީ، ކްރިސްޓީނާގެ ފިރިކަލުން އިނާކީ އުރުދަންގާރިންއާ ގުޅުންހުރި ވިޔަފާރީގެ މައްސަލަތައް ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގުކޮށްފައެވެ.

ކްރިސްޓީނާގެ ފިރިކަލުން އިނާކީ އުރުދަންގާރިންގެ އިތުރުން 15 މީހެއްގެ މައްޗަށް މީގެ ކުރިން ވަނީ، ޓެކުހަށް އޮޅުވައިލުމާއި ވަގު ޑޮކިއުމެންޓުތައް ހެދުމާއި އޭނާގެ ޗެރިޓީ ފައުންޑޭޝަނަކުން ހުޅުވި ފަންޑަކަށް ލިބުނު ހަ މިލިޔަން ޔޫރޯއަށް ހިޔާނާތްތެރި ވުމުގެ މައްސަލައިގައި ދައުވާ ކޮށްފައެވެ.

މިއީ މިހާރުގެ ސްޕެއިންގެ ތާރީޚުގައި ވެސް މިފަދަ ގޮތަކަށް ޝާހީ ހާންދާނުގެ ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ މިފަދަ ބޮޑު މައްސަލައެއްގެ ތުހުމަތު ކުރެވި، މިގޮތަށް ޝަރީއަތް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މި ދެމަފިރިކަނބަލުންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތައް ސާބިތު ވެސްޖެނަމަ، ދިގުމުއްދަތަކަށް އެ ދެކަނބަލުންވެސް ޖަލަށް ވަޑައިގަންނަވަން ޖެހޭނެއެވެ.