13 Jun 2015, 11:17
ސަރުކާރުގެ "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ، އެމްޑީޕީން އިސްނަގައިގެން ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ރޭ ފެށި މުޒާހަރާ ރޫޅާލިއިރު 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް 12 ފިރިހެނަކު ގެނެސްފައިވާ ކަމަށެވެ.
ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހިމެނެއެވެ. މިއީ މި ސިލްސިލާ މުޒާހަރާތަކުގައި އޭނާ ހައްޔަރުކުރި ދެވަނަ ފަހަރެވެ.

ރޭގެ މުޒާހަރާ ލީޑް ކުރުމުގައި މަހުލޫފް ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
ރޭ މެންދަމު 12 ޖެހުމާއެކު މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އަދި މުޒާހަރާ އެއްކޮށް ރޫޅާލެވިފައިވަނީ ދަންވަރު 3:00 ކަންހާއިރު މަހުލޫފު ހައްޔަރު ކުރި ހިސާބުންނެވެ.
މުޒާހަރާ ރޫޅާލަން ފުލުހުންގެ މަސައްކަތް ފެށުމުގެ ކުރިން 11:00 ކަންހާއިރު އަޑުގަދަ ކުރާ ބޭނުން ނުކުރަން ފުލުހުން އެންގިއެވެ. ނަމަވެސް އެކަމަށް މުޒާހަރާގެ ބައިވެރިން ކިޔަމަން ނުވި އެވެ. ފުލުހުން ރޭ ވަނީ ޕޯޑިއަމާއެކު އަޑުގަދަ ކުރާ ހަރުކޮށްފައި ހުރި ދެ ގާޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މުޒާހަރާ ރޫޅާލަން ރަޔަޓް ފުލުހުން އެއްވުމުގެ ތެރެއަށް ވަން ވަގުތު، މުޒާހަރާ ލީޑުކުރަން ތިއްބެވި ބޭފުޅުން ތިބީ މަޖީދީމަގާއި ޗާނދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި އިށީންދެގެންނެވެ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރި ވަގުތު އެ މީހުން އެ ސަރަހައްދުން ދުރަށް ލުމަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.

ރޭ މުޒާހަރާގައި ފުލުހުން މީހަކު ހައްޔަރުކޮށްގެން ވެހިކަލަށް އަރުވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
ނަމަވެސް އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށްފަހު، މަޖީދީމަގުގައި އިށީނދެގެން ތިބި މުޒާހަރާ ލީޑުކުރި ފަރާތްތައް ވެސް ފުލުހުން ވަނީ އެ ސަރަހައްދުން ފައްސާލާފަ އެވެ.
ރޭގެ މުޒާހަރާއަކީ މޭމަހުގެ އެއް ވަނަ ދުވަހުގެ ފަހުން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެންމެ ބޮޑު މުޒާހަރާއެވެ. ރޭގެ މުޒާހަރާ އިދިކޮޅު ފަރާތްތަކުން ފެށީ ތިން ދުވަހަށް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ބުނަމުންނެވެ.