ލ. ގަމު ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ މަރުގެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 7:10 ގައި ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެމައްސަލަ ތަހުގީގް ކުރުމަށް އެދުވަހު ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން ވަނީ އެރަށަށް ގޮސްފައެވެ.

ބަނގުލަދޭޝްގެ އެފިރިހެން މީހާ މަރުވެފައި އޮއްވައި ފެނުނުއިރު އޭނާގެ ބޮލުން ބޮޑު ޒަހަމްތަކެއް ވަނީ ފެނިފައެވެ.

ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިފައިވަނީ ގަން ތުނޑީ އަވަށު ގެއެއްގެ ތެރޭގައެވެ. އެ ބިދޭސީ މީހާ އަކީ މާލޭމީހަކު އެރަށުގައި ހަދާފައި ހުންނަ ގެއެއް ބަލަހައްޓަން ހުންނަ މީހެކެވެ. އޭނާ އެގޭގައި އުޅެނީ އެކަންޏެވެ.

މިއަހަރުގެ ފުރަތަމަ ކޮޅުވެސް ވަނީ ބިދޭސީންނަށް އަމާޒުކުރެވިގެން ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި ދެ ބިދޭސީއަކު ޒަހަމްތަކަކާއެކު މަރުވެފައިއޮއްވައި އޭރު ވަނީ ފެނިފައެވެ.