ބޭރަށް ހިންގުމުގެ ރޯގާ މާލެއާއި އަތޮޅުތެރޭގައި އިތުރުވެފައި ވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރު މުޅި ރާއްޖޭގައިވެސް ބޭރަށް ހިންގުމުގެ ރޯގާ އިތުރުވަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމެވެ. މިދުވަސްވަރަކީ މާހެފުންތަކާއި ގެއިން ބޭރުން ކެއުން އިތުރުވެފައިވާ ދުވަސްވަރަކަށްވުމުން ކެއިންބުއިމުގަޔާއި އެތަކެތި ތައްޔާރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރާ ކަންތައްތައް--

  • ކާބޯތަކެތި ތައްޔާރު ކުރުމާއި ކެއުމުގެ ކުރިންނާއި ކެއްސުމާއި ފާހާނާ ކުރުމަށްފަހު ސައިބޯނި ލައިގެން އަތްދޮވުން.

  • ބޭރުން ކެއުން މަދުކުރުމާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން ކާނަމަ އެތަންތަނުގެ ސާފްތާހިރުކަން ޔަގީން ކުރުން.
  • މާހެފުން ފަދަ ހަފްލާތަކުގައި ކާން ބޭނުންކުރާ ތަކެއްޗަކީ ގިނައިރުވެފައި ނުވާ ތާޒާ ކާބޯތަކެތިކަން ޔަގީން ކުރުން.
  • މޭވާ އާއި ތަރުކާރީ ދޮވެގެން ބޭނުންކުރުން.
  • ބޭރަށް ހިންގާނަމަ އެކަން ރަނގަޅު ވަންދެން ކާބޯތަކެތި ތައްޔާރު ކުރުމުގައި ނޫޅުން.

ބޭރަށް ހިންގާނަމަ ގިނައިން ދިޔާތަކެއްޗާއި ލޮނު ޕެކެޓް ބޭނުން ކުރުމަށާއި މާ ބޮޑަށް ވަރުދެރަވާނަމަ އަވަހަށް ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.